ބީއެމްއެލް އިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ކޯޕަރޭޓް ކަސްޓަމަރުންނަށް ހާއްސަކޮށް މާސްޓަ ބިޒްނަސް ޕްރިޕެއިޑް ކާޑެއް ތައާރަފްކޮށްފިއެވެ.
މިކާޑު ތައާރަފް ކުރީ ހޮޓެލް ޖެންގައި ބޭންކުން މިހާރު ކުރިއަށް ގެންދާ ބިޒްނަސް އެކްސްޕޯގައި މިއަދު ހެނދުނު އެވެ. ބީއެމްއެލް އިން ތައާރަފް ކުރީ ބިޒްނަސް ޕްރިޕެއިޑުގެ ޑޮލަރު ކާޑަކާއި ރުފިޔާ ކާޑެކެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި، އެ ކުންފުނިން ބިޒްނަސް ޑެބިޓް ކާޑެއް ނެރުނީ ޕެޓީކޭޝް މެނޭޖު ކުރުން ފަދަ ބޭނުންތަކަށް މި ފަދަ ކާޑެއް ވިޔަފާރިތަކަށް ބޭނުން ވެފައި ވާތީއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ އަލަށް ތައާރަފް ކުރެވުނު މާސްޓާ ކާޑަކީ ހާއްސަކޮށް ކުދި ވިޔަފާރިތަކުގެ ބޭނުންތައް ފުއްދައި ދިނުމުގައި ބޮޑު އެހީއަކަށް ވެގެން ދާނެކަން ޔަގީން ކުރައްވާ ކަމަށެވެ.
ބިޒްނަސް ޕްރިޕެއިޑް ރުފިޔާ ކާޑު ބޭނުންކުރެވޭނީ ހަމައެކަނި ރާއްޖޭގަ އެވެ. މި ކާޑުން އޭޓީއެމްތަކާއި ޕީއޯއެސް ކާޑު މެޝިނާއި އީކޮމާސް ޕްލެޓްފޯމުގައި ބޭނުން ކުރެވޭނެ އެވެ. މި ކާޑުގައި ދުވާލަކަށް ދެލައްކަ ރުފިޔާގެ ލިމިޓެއް ހިމެނޭނެއެވެ. ކާޑަށް އެންމެ ގިނަވެގެން ރީލޯޑް ކުރެވޭނީ 500،000ރ. އެވެ.
ބިޒްނަސް ޕްރިޕެއިޑް ޔޫއެސްޑީ ކާޑު ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ވެސް ބޭނުން ކުރެވޭނެ އެވެ. މި ކާޑުން ދުވާލަކު 50،000 ޑޮލަރާއި ހަމައަށް ބޭނުން ކުރެވޭނެ އެވެ. އެ ކާޑަށް އެންމެ ގިނަވެގެން ރީލޯޑު ކުރެވޭނީ 100،000 ޑޮލަރާ ހަމައަށެވެ.
ޕެޓީކޭޝް މެނޭޖު ކުރުމުގެ އިތުރުން މި ކާޑަކީ މާސްޓަކާޑް ”އީޒީ ސޭވިންގްސް“ ޕްރޮގުރާމުގައި ހިމެނޭ ކާޑަކަށް ވުމުން މި ކާޑު ބޭނުންކޮށްގެން އެޑޯބް އެކްރޮބެޓް، ގޫގުލް ވޯކްސްޕޭސް ފަދަ ޕްރޮޑަކްޓުތައް ގަތުމުން ޑިސްކައުންޓު ލިބޭނެ އެވެ. އަދި މި ކާޑަކީ މާސްޓަކާޑުގެ ޕްރައިސްލެސް ޕްރޮގުރާމްގައި ހިމެނޭ ކާޑަކަށްވުމުން މި ކާޑު ބޭނުން ކޮށްގެން ބުކްކުރާ ފްލައިޓުތަކާއި ހޮޓެލްތަކަށް ހާއްސަ ޓްރެވަލް އޮފާތަކެއް ލިބޭނެ އެވެ. އަދި މި ކާޑުން ހުރިހާ ޒޯހޯ ޕްރޮޑަކްޓުތަކަކަށް 35 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ.



