އެތުލެޓިކް ކްލަބް އަތުން 3-0 އިން މޮޅުވެ އާސެނަލްއިން ޕްރީ ސީޒަން މޮޅަކުން ނިންމާލައިފިއެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެ ޓީމުގެ އެންމެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ 34 ވަނަ މިނެޓުގައެވެ. މި ލަނޑަކީ އެ ޓީމަށް އަލަށް ސޮއިކުރި ވިކްޓޯ ޔޯކަރޭސް ކާމިޔާބު ކޮށްދިން ލަނޑެކެވެ. މިއީ އޭނާ އެ ކްލަބަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑުކަން ފާހަގަކޮށްލަން ޖެހެއެވެ.
އޭގެ ދެ މިނެޓު ފަހުން ބުކާޔޯ ސާކާ ވަނީ ލަނޑެއް ކާމިޔާބު ކޮށް އާސެނަލްގެ ލީޑު ދެ ގޯލަށް އިތުރު ކޮށްފައެވެ. މި ލަނޑާއެކު އާސެނަލްއިން ފުރަތަމަ ހާފު ނިންމާލީ 2-0 އިން ކުރީގައި އޮވެގެންނެވެ.
އާސެނަލްގެ ފަހު ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ 82 ވަނަ މިނެޓުގައެވެ. މި ލަނޑަކީ, ބުކާޔޯ ސާކާ ފަހިކޮށްދިން ފުރުސަތަކުން ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑާއެކު އާސެނަލްއިން ވަނީ ފަސޭހަކަމާއެކު އެތުލެޓިކް ކްލަބް ބަލިކޮށް ޕްރީ ސީޒަން ނިންމާލައިފައެވެ.
އާސެނަލް ދެން ނިކުންނާނީ 17 އޮގަސްޓު ވާ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.