ދިވެހިރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަން އިޝްތިހާރުކުރުމާބެހޭ ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.
މި ޤަވާއިދަށް އަމަލުކުރަން ފަށާފައިވަނީ ހޯމަ ދުވަހުން ފެށިގެންނެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނާއި ފަތުރުވެރިކަން އިތުރަށް ތަރައްގީކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ފެންވަރު ދަމަހައްޓާ، އެ ސިނާއަތުގެ ފައިދާ ދެމެހެއްޓެނެވި ގޮތެއްގައި ލިބޭނެ ގޮތް މަގުފައިކުރުމަށް ކަމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅި ވަރަށް މުހިންމު ފިޔަވަޅެކެވެ.
މި ޤަވާއިދުގެ ދަށުން އެޅޭ ފިޔަވަޅުތަކާއި ޖޫރިމަނާތަކަށް ބަލާއިރު، ފުރަތަމަ ފަހަރު 10،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދެއް، ދެވަނަ ފަހަރު 50،000 ރުފިޔާއަށް ވުރެން ބޮޑުނޫން އަދަދެއް އަދި ތިންވަނަ ފަހަރު އެއްލައްކަ ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވެއެވެ.
މީގެ އިތުރުން، ތިންފަހަރަށް ވުރެ އިތުރަށް ގަވާއިދާ ޚިލާފުވެއްޖެ ނަމަ ލިޔުމުން އެންގުމަކާ ނުލައި ގަވާއިދާ ޚިލާފުވާ ކޮންމެ ފަހަރަކު 100,000 (އެއްލައްކަ ރުފިޔާ) އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރެވެއެވެ.
ފަތުރުވެރިންނަށް ޚިދުމަތް ދޭ ތަންތަން އިސްތިހާރު ކުރުމާބެހޭ ގަވާއިދުގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަން ދަމަހައްޓަންޖެހޭ މިންގަނޑުތައް ވެސް ބަޔާންކޮށްފައެވެ. މި ގަވާއިދުގެ އެންމެ މުހިއްމު ބޭނުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިޔާސަތުގެ ފެންވަރު ދަމަހައްޓާ، ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ތަސައްވުރާއި އެއްގޮތަށް އެ ފަރާތްތަކަށް ޚިދުމަތް ލިބޭނޭކަން ޔަޤީންކުރުމެވެ.
އަދި، އިސްތިހާރުކުރުމުގައި ސައްޙަ މަޢުލޫމާތު ބޭނުންކޮށް، އިޖުތިމާޢީ، ދީނީ އަދި ސަޤާފީ މިންގަނޑުތަކާއި އަދި އެހެނިހެން ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް އިސްތިހާރުތައް ބައްޓަންކުރާކަން ކަށަވަރުކުރުން ހިމެނެއެވެ. މި ގަވާއިދުގެ ސަބަބުން ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިފައިވާ މަޤްބޫލުކަމާއި އިތުބާރު ދެމެހެއްޓުމަށް ފަސޭހަވެގެންދާނެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި، ތަރައްޤީކޮށް، އެންމެހާ ރައްޔިތުންނަށް ފަތުރުވެރިކަމުގެ ސިނާޢަތުގެ ފައިދާ ލިބޭނޭގޮތް ކަށަވަރުކުރުމަކީ ސަރުކާރުގެ މުހިއްމު އެއް އަމާޒެވެ. އެގޮތުން ފަތުރުކަމުގެ ސިނާޢަތުގެ އެންމެހާ ބައިވެރިންނާއި މަޞްލަޙަތުވެރިންނާއެކު، ބިނާކުރަނިވި ގޮތެއްގައި، އެކިއެކި މަސައްކަތްތައް ކުރަމުންދާކަމަށް ވެސް އެވުޒާރާއިން ވަނީ ފާހަގަ ކޮށްފައެވެ.