މާލޭ ނޯތު ހާބަރަށް ގެންނަ ބަދަލުތަކާއެކު އެ ސަރަހައްދުން މަސްވެރިންނަށް ބޭނުންވާ ތެލާއި އައިސް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވާނެކަމަށް މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވިދާޅުވެއްޖެއެވެ.
މިކަމުގެ ސަބަބުން މަސްވެރިކަމުގެ ދާއިރާއަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެކަމަށް ލަފާކުރެވެއެވެ.
ނޯތު ހާބަރު ސަރަހައްދުން މަސްވެރިންނަށާއި އޮޑިފަހަރުތަކަށް ބޭނުންވާ އިތުރު ޚިދުމަތްތައް ދިނުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އެ ސަރަހައްދުން މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސާނެކަމަށް އެމްޕީއެލްއިން ވިދާޅުވެފައިވެއެވެ. އަދި ހެޔޮ އަގުގައި އޮޑިފަހަރަށް ތެޔޮ އެޅޭނެ އިންތިޒާމްވެސް އެމްޕީއެލްއިން ދަނީ ހަމަޖައްސަމުންނެވެ. ފެނާއި، ކަރަންޓާއި، ތެލާއި އައިސް ނޯތު ހާބަރުން ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ މަސްވެރިންނަށް ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެކަމެކެވެ.
އެމްޕީއެލްގެ ނޯތު ހާބަރު ހިންގުމާއި ހަވާލުވެ ހުންނެވި އެކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އަހުމަދު ހަމްދުﷲ ރަޝީދު ވިދާޅުވެފައިވަނީ، ”އަޅުގަނޑުމެން އެމް.ޕީ.އެލްއިން މި ނިންމީ އަގުހެޔޮ ގޮތެއްގައި ރައްޔިތުންނާއި ހަމައަށް އައިސް ފޯރުކޮށްދެވޭނެ ލުއިފަސޭހަ އިންތިޒާމަކީ ކޮބާތޯ މަސްވެރިންނަށް. އެގޮތުން އަޅުގަނޑުމެން އައިސްޕްލާންޓެއް ނުވަތަ އައިސްލިބޭނެގޮތް ގާއިމްކުރަން އަޅުގަނޑުމެން ނިންމާފައި މިއޮތީ. އަދި ތެލުގެ ޚިދުމަތްވެސް ވިޔަފާރީގެ އުސޫލަކަށްވުރެ ބޮޑަށް އެތަނުގެ އުޅަނދުފަހަރު ގާތްގަނޑަކަށް މަހަކު މަސްވެރިން ނުލާ 125 އުޅަނދު ދަތުރުރަމުންދާތަނެއްވީމަ އެތަނުން އެ ޚިދުމަތްވެސް ލިބެން އެބޭފުޅުން ބޭނުންވާތީ މިހާރު ރާވަމުން މިދަނީ ތެލުގެ ޚިދުމަތްދޭން އެއީ ވިޔަފާރި އުސޫލަކުން ނޫން އެންމެ މިނިމަމް ރޭޓެއްގައި އެބޭފުޅުންނާއި ހަމައަށް އެ ޚިދުމަތް ދޭން އަޅުގަނޑުމެން ރާވާފައި މިއޮތީ“ ކަމަށެވެ.
އެ ސަރަހައްދު ތަރައްޤީކޮށް ވަކި އިންތިޒާމުތަކެއްގެ ތެރެއިން އަންނަ މަހުން ފެށިގެން މި ޚިދުމަތްތައް ދޭން ފަށާނެކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ. މާލޭ އުތުރުފަރާތު ބަނދަރުގެ މަސްމާރުކޭޓާއި ހަމައަށް އޮތް ސަރަހައްދު ތަރުތީބުކޮށް، އެ ސަރަޙައްދުގައި 99 އުޅަނދު އަޅާނެ ޖާގަ ތަނަވަސްކޮށްފައިވާކަމަށްވެސް އެމްޕީއެލްއިން ވަނީ ހާމަކުރައްވާފައެވެ. މި ބަދަލުތަކުގެ ސަބަބުން މަސްވެރިންނަށް ވަގުތާއި ފައިސާގެ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާނެކަމަށް ލަފާކުރެވެއެވެ.



