ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ރާއްޖޭގައި ހުންނަވާ އެމެރިކާގެ ސަފީރު ހަރ ޖަލާލަތު މިސްޓަރ ހޫގޯ ޔޯން، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤު އިބްރާހިމްއާއި ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ޚާއްސަ ސަމާލުކަމެއް ދެވުނީ ތިމާވެށީގެ ދާއިރާއިންނާއި، ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމުގެ ދާއިރާއިން ކުރެވިދާނެ އިންވެސްޓްމަންޓްތަކާ ގުޅޭގޮތުންނެވެ.

މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ދެފަރާތުންވެސް ވަނީ ހިތްހަމަޖެހުން ފާޅުކޮށްފައެވެ. މަޝްވަރާ ކުރެވުނު މުހިންމު ކަންތައްތަކުގެ ތެރޭގައި ތިމާވެށީގެ އެކި ދާއިރާތަކުން ދެޤައުމުގެ ގުޅުން ވަރުގަދަކުރުމާއި، ޚާއްސަކޮށް ސާފު ހަކަތަ އުފެއްދުމަށް ކުރެވޭ އިންވެސްޓްމަންޓްތަކެވެ. މި މަޝްވަރާތައް ކުރިއަށް ގެންދެވުނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގައެވެ.

ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ޚާއްސަކޮށް ސޯލާ ހަކަތަ ފަދަ ސާފު ހަކަތައިގެ މަޝްރޫޢުތަކުގައި އިންވެސްޓްކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނެވެ. މި މަޝްވަރާތަކަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ތިމާވެއްޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް