- Advertisement -spot_img

އެޗްޑީސީގެ އެމްޑީގެ މަގާމުން މައުރޫފް އިސްތިއުފާ ދެއްވައިފި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަަރަކަމުން މުހައްމަދު މައުރޫފް ޖަމީލު އިސްތިއުފާ ދެއްވައިފި އެވެ.

މައުރޫފް މަގާމުން މިއަދު އިސްތިއުފާ ދެއްވިކަން އެޗްޑީސީން ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އިސްތިއުފާދެއްވި ސަބަބެއް ހާމައެއް ނުކުރެ އެވެ.

މައުރޫފް މަގާމުން އިސްތިއުފާދެއްވިއިރު އަންނަ މަހު 18ގައި ރިޓަޔާކުރައްވަން ވެސް ވަނީ ނިންމައިފައެވެ.

މައުރޫފް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަނުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

މައުރޫފް މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެޗްޑީސީން ވަނީ ހުޅުމާލޭގެ މާސްޓާޕްލޭނަށް އުންމީދީ ބަދަލުތަކެއް ގެނެސް، އެ ކުންފުނީގެ ހިންގުމަށް ހަރުދަނާ ބަދަލުތަކެއް ގެނައުމަށް އާ ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލައިފައެވެ. އަދި ހުޅުމާލޭގެ ލޭންޑްޔޫސް ޕްލޭންގެ މަސައްކަތްތައް ވެސް ކުރެވުނެވެ.

މައުރޫފް ވަނީ މީގެ ކުރިން ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި، ހުޅުމާލޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރި ހުޅުމާލޭ ތަރައްގީ ކުރުމާ ބެހޭ ޔުނިޓުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު އަދާކުރައްވައިފައެވެ. އެއިރު އެޗްޑީސީ އުފައްދައިފައެއް ނުވެއެވެ. އެޗްޑީސީ އުފެއްދި ފަހުން މައުރޫފް ވަނީ އެ ކުންފުނީގެ މުހިންމު މަގާމުތަކެއް އަދާކުރައްވައިފައެވެ. އެގޮތުން އެ ކުންފުނީގެ ސީއީއޯގެ މަގާމު ދުވަސްކޮޅަކަށް ފުރުއްވިއެވެ. މައުރޫފަކީ ހުޅުމާލެ ޑިޒައިން މަރުހަލާއިން ފެށިގެން ގޮސް އެތަން ވުޖޫދު ވުމާއި ހަމަޔަށް ވަރަށް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އަދި ވަނީ ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ މުހިންމު މަގާމުތަކެއް ވެސް އަދާކުރައްވައިފައެވެ.

މީގެ އިތުރުން މައުރޫފް ވަނީ ރައީސް މައުމޫންގެ ވެރިކަމުގެ ފަހު ދައުރުގައި ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗާ މިނިސްޓަރުގެ މަގާމު ވެސް ފުރުއްވައިފައެވެ.

އާކިޓެކްޗާ ހެރިޓޭޖުގެ ދާއިރާއިން މައުރޫފް މިހާރު ވެސް ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މައުރޫފް އައްޔަންކޮށްފައި ވަނީ، ކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވައިފައިވަނީ ބިންވެރިޔާ ސްކީމުގެ އުސޫލާ ހިލާފަށް ބަޔަކަށް ގޯތި ދިން މައްސަލައެއްގައެވެ.

ގުޅުންހުރި ލިޔުންތައް