ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ސްޕީޑް ބޯޓުގައި ހަތް މިނެޓުގެ ދަތުރެއްގައި ދެވޭ ފޭދޫ ފިނޮޅުގައި ތައިލެންޑުގެ ދުސިތު އިންޓަނޭޝަނަލް ކުންފުނިން 127 ވިލާގެ ރިސޯޓެއް ރަސްމީކޮށް ހުޅުވައިފި އެވެ.
ތައިލެންޑުގެ އެންމެ ބޮޑު ޓޫރިޒަމް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ދުސިތު އިންޓަނޭޝަނަލް އިން ތަރައްގީކުރި މި ރިސޯޓަކީ ރާއްޖޭގައި ހުޅުވުނު ފުރަތަމަ ޑީ2 ބްރޭންޑުގެ ރިސޯޓެވެ.
މި ރިސޯޓުގައި ބީޗް ފްރޮންޓް ވިލާތަކާއި އޯވަ ވޯޓަރ ވިލާތަކުގެ އިތުރުން ތަފާތު ކާނާތަކަށް ޚާއްޞަ ފަސް ރެސްޓޯރެންޓާއި ސްޕާއާއި މޫދުގެ ކުޅިވަރުތަކުގެ ޚިދުމަތްތައް ލިބެން ހުންނާނެއެވެ. ރިސޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި މި ރިސޯޓުގެ ކޮންޓްރެކްޓަރާއި ތައިލެންޑުގެ ދުސިތުތާނީ ކުންފުނީގެ އިސްވެރިން ބައިވެރިވި އެވެ.
ކުރިން ފުލުހުންގެ ތަމްރީނުތަކާއި ސްކައުޓް ކުދިންގެ ދަތުރުތަކަށް ބޭނުންކުރި ފޭދޫ ފިނޮޅަކީ 2016 ވަނަ އަހަރު ޓޫރިޒަމް ތަރައްގީކުރުމަށް ޕާލެ އެޓޯލް ކުންފުންޏަށް 50 އަހަރުގެ މުއްދަތަށް ހަތަރު މިލިއަން ޑޮލަރަށް ކުއްޔަށް ދޫކުރި ރަށެކެވެ. މި ރަށް ތަރައްގީކުރީ ޗައިނާގެ ކޮންޓްރެކްޓަރެކެވެ.
ފޭދޫ ފިނޮޅު ކުއްޔަށް ދޫކުރި ދުވަސްވަރު އެމްޑީޕީ އަޑީގައި އޮވެގެން މި ރަށުގެ ވާހަކަ ބޭރުގެ މީޑިއާގެ ސަމާލުކަމަށް އައި އިރު، އިންޑިއާގެ މީޑިއާތަކާއި އެ ގައުމުގެ ސަރުކާރުގެ އޮފިޝަލުން ވަނީ މާލެ ކައިރީގައި ޗައިނާއިން އަސްކަރީ ބޭހެއް ތަރައްގީކުރާ ކަމުގެ ވާހަކަ ފަތުރާފަ އެވެ.
2014 ވަނަ އަހަރުގެ އޭޕްރީލް މަހު ފޭދޫ ފިނޮޅަކީ އާއިލާތައް ދަތުރުދާ ރަށެއްގެ ގޮތުގައި ބޭއްވުމަށް ރައީސް އޮފީހުން އެންގުމާއެކު، އޭ އަހަރުގެ ޖޫން މަހު އޭރުގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ރިޔާސަތު ބަލަހައްޓަވާ ސޯޝަލް ކައުންސިލުން ރަށް ބިޒްނަސް މޮޑެލެއްގެ ދަށުން ތަރައްގީކުރުމަށް ނިންމި އެވެ. ފުލުހުން މި ރަށް ހުސްކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ.
އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި މިހާރުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވާ ގޮތުގައި މި ރަށް ދޫކުރުމުން ފުލުހުންގެ ވެލްފެއަރ ކުންފުންޏަށް 50 އަހަރުގެ ތެރޭގައި 80 މިލިއަނެއްހާ ޑޮލަރު ލިބޭނެ އެވެ.
ދުސިތު ކުންފުނިން ރާއްޖޭގައި މިހާރު ޖުމްލަ ތިން ރިސޯޓް ހިންގަމުން އަންނަ އިރު، އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގައި މި ބްރޭންޑުން 57 ތަނެއް ހިންގަމުން އަންނަ ކަމަށް މަޢުލޫމާތު ލިބެ އެވެ.