އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މުރަކަ އާލާކުރުމުގެ މި ހަރަކާތުގެ ދަށުން، ކުރިއަށް އޮތް އަހަރުގެ ތެރޭގައި ޗެނަލް ޕާކުގައި އިތުރު މުރަކަ އިންދާނެއެވެ.
ހުޅުމާލޭ ފޭސް އެކެއްގެ ޗެނަލް ސަރަހައްދުގައި މުރަކަ އާލާކުރުމުގެ ހަރަކާތެއް އެޗްޑީސީން ފަށައިފިއެވެ.

މި ހަރަކާތް ފެށީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަދި މޯލްޑިވްސް މެރިން އިންސިޓްޓިއުޓް (އެމްއެމްއާރްއައި) ގެ ބައިވެރިވުމާއެކުއެވެ.
ހުޅުމާލޭގެ އިރުމަތީ ފަރުން ވަކި ބާވަތެއްގެ މުރަކަ ނަގައިގެން، ފޭސް އެކެއްގެ ޗެނަލްގައި މުރަކަ އިންދުމުގެ ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ އިއްޔެ ހަވީރުއެވެ. އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މުރަކަ އާލާކުރުމުގެ މި ހަރަކާތުގެ ދަށުން، ކުރިއަށް އޮތް އަހަރުގެ ތެރޭގައި ޗެނަލް ޕާކުގައި އިތުރު މުރަކަ އިންދާނެއެވެ.

މީގެ ބޭނުމަކީ، އެކި ކަހަލަ މޫދުގެ ދިރުންތައް އެ ސަރަހައްދުގައި އާލާކުރުމެވެ. އަދި މި ހަރަކާތަކީ، މި ކޯޕަރޭޝަންގެ ކޮމިއުނިޓީ އެންގޭޖްމަންޓް އިތުރުކުރުމުގެ މަގްސަދުގައިވެސް ކުރިއަށްގެންދާ ހަރަކާތެކެވެ.

އެޗްޑީސީގެ އެމްޑީ މުހައްމަދު މައުރޫފް ޖަމީލްގެ އިތުރުން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، (އީޕީއޭ) ގެ އިސްވެރިން އަދި މޯލްޑިވްސް މެރިން އިންސިޓްޓިއުޓް (އެމްއެމްއާރްއައި)ގެ އިސްވެރިން ވަނީ މިއަދު އެ ސަރަހައްދަށް ޒިޔާރާތްކުރައްވައި، މުރަކަ އިންދުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ.

”މިތަނުގައި މަސްތަކާއި ކަނޑުގެ ދިރުން އާލާކޮށް، ކަނޑު އަޑީގެ ބަގީޗާއެއް ހެދުން އަމާޒަކީ،“ ހުޅުމާލޭ ފޭސް އެކެއްގެ ޗެނަލް ޕާކުގައި މުރަކަ އިންދުމަށް ބޭއްވި ހަރަކާތުގެ ތެރެއިން އެޗްޑީސީގެ އެމްޑީ މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވިއެވެ.