ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ވަޒީރު ސައީދުގެ ބައްޕާފުޅު އަވަހާރަވުމުގެ ހިތާމައިގައި ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ ބައްޕާފުޅު ، ސަޢީދު އަބްދުﷲ، ވިނަރެސް/ ހއ. ތުރާކުނު އަވަހާރަވުމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ތައުޒިޔާ ވިދާޅުވެފައިވަނީ މީސް މީޑިއާގައި ޙިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސްގެ ތައުޒިޔާގެ މެސެޖުގައި ވަޒީރު ސަޢީދުގެ ބައްޕާފުޅު، ސަޢީދު އަބްދުﷲ އަވަހާރަވީ ޚަބަރު އެއްސެވީ ނުހަނު ފުންހިތާމައާއެކުގައިކަމަށް ވިދާޅުވެ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވުން އެދި ވަނީ ދުޢާ ދަންނަވާފައެވެ.

މަރުޙޫމް ސަޢީދު ޢަބްދުﷲ އަކީ ހއ.ތުރާކުނުގެ ވެރިކަމުގެ ދާއިރާގެ އިސް މަޤާމުތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ، ޤަދަރުވެރި ބޭފުޅެއްކަމަށާއި ޚުލްޤު ހެޔޮ، ދީންވެރި، ހަރުދަނާ ޝަޚްޞިއްޔަތެއްކަން ރައީސްގެ ތައުޒިޔާގެ މެސެޖުގައި އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.

ތައުޒިޔާގެ މެސެޖު ނިންމަވާލައްވަމުން ރައީސްވަނީ މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަޙްމަތުގައި މަރުޙޫމް ސަޢީދު ޢަބްދުﷲ ލެހެއްޓެވުންއެދި ދުޢާ ދަންނަވާފައެވެ.

މަރުޙޫމް ސަޢީދު ޢަބްދުﷲ އަކީ ގިނަދުވަސްތަކެއްވަންދެން ތުރާކުނު ކަތީބުކަމުގެ މަގާމު ފުރުއްވި ބޭފުޅެކެވެ.

ގުޅުންހުރި ލިޔުންތައް