- Advertisement -spot_img

ފިކުރީ މުދާ ހިމާޔަތްކޮށް ރައްކާތެރިކުރާނެ އޮފީހެއް ގާއިމުކުރަން މަޖިލީހަށް ބިލެއް ހުށަހަޅައިފި

ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އާ އާޖާދުތަކަށް ހިތްވަރުދިނުމަށް މަސައްކަތްކުރާނެ އޮފީހެއް ގާއިމުކުރުމަށް މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލުގެ ނަމުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ހަމީދުއެވެ.

އެ ބިލު ހުށަހެޅި މަގުސަދުގެ ގޮތުގައި ބަޔާންކޮށްފައިވަނީ ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އާ އީޖާދުތަކަށް ހިތްވަރުދީ، އެ ދާއިރާ ކުރިއަރުވައި، ގައުމުގެ އިގުތިސޯދީ ތަރައްގީއަށް މަގުފަހިކުރުމަށްޓަކައި މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކޮށް އެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރުމާއި އެނޫންވެސް ކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުވެ.

މި ބިލުގެ ދަށުން ރައްކާކުރެވޭ ފިކުރީ މުދަލަކީ ”ފިކުރީ މުދަލާ ގުޅޭ ކަމާބެހޭ ގާނޫނުތަކުގެ ދަށުން ހިމާޔަތްކޮށްދޭ އެންމެހައި ބާވަތުގެ ފިކުރީ މުދަލެވެ. އޭގެ ތެރޭގައި ޓްރޭޑްމާކާއި، ކޮޕީރައިޓާއި، ޕޭޓަންޓާއި، އިންޑަސްޓްރީއަލް ޑިޒައިން އާއި ޖިއޮގްރަފިކަލް އިންޑިކޭޝަންތައް ހިމެނެ އެވެ.

އެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ގޮތުގައި ބިލުގައި ހިމަނާފައިވާ ކަންކަން:

ފިކުރީ މުދާ ރަޖިސްޓްރީކުރުން

ރަޖިސްޓަރީކުރެވޭ ފުކުރީ މުދަލާބެހޭ ދަފުތަރެއް އެކުލަވާލައި އަދާހަމަކޮށް ބެލެހެއްޓުން

ސަރަހައްދީ އަދި ބައިނަލްއަގުވާމީ އިންޓެލެކްޗުއަލް ޕްރޮޕަޓީ ޖަމާއަތްތަކާ ގުޅުން ގާއިމުކޮށް ބަދަހިކުރުމާއެކު އެ ޖަމާއަތްތަކުން ފަންނީ އެހީތެރިކަމާއި ލަފާ ހޯދުން

ފިކުރީ މުދަލާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ބައިވެރިވުމާ ގުޅޭ ކަންކަމާއި އެ މުއާހަދާތަކުގެ ދަށުން ކުރަން ޖެހޭ ކަންކަން ކުރުމާއި ވިލަރެސް ކުރުން

ފިކުރީ މުދަލުގެ ދާރިރާއިން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި އަންނަ ކުރިއެރުންތައް ދިރާސާކުރުން

ފިކުރީ މުދަލާ ގުޅޭ ގާނޫނުތަކުގެ ދަށުން ލިބިދޭ ހައްގުތަކާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުވުން

ފިކުރީ މުދަލާ ގުޅޭ ގާނޫނުތަކުގެ ދަށުން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދީ ގާނޫނުތަކުގެ ދަށުން ކަނޑައަޅާފައިވާ ފީ ނެގުން

ފިކުރީ މުދަލާ ގުޅޭ ގާނޫނުތަކުގެ ދަށުން އެ އޮފީހުގެ މަސްއޫލިއްޔަތުތައް ކަނޑައަޅައި އެހެން މަސްއޫލިއްޔަތުތައްވެސް އަދާކުރުން

އެ އޮފީސް ހިންގާނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުންނެވެ. އެ އޮފީހުގެ އެންމެހައި ކަންކަމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މިނިސްޓަރުކަމަށް އެ ބިލުގެ ދަށުންނެވެ.

ނަމަވެސް އެ އޮފީސް ހިންގުމުގެ އެންމެ އިސް ފަރާތަކީ މިނިސްޓަރު އައްޔަންކުރާ ރަޖިސްޓްރާ އެވެ. މި ބިލު ފާސްވެ ގާނޫނަކަށް ވެ އެއަށް އަމަލުކުރަން ފެށުމާއެކު އެ އިދާރާ ގާއިމުކުރެވުނީ އެވެ. އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭ އެ އޮފީހުގެ ރަޖިސްޓްރާގެ މަގާމަށް މީހަކު އައްޔަނުކުރަން ޖެހޭ ކަމަށްވެސް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.

އެ މަގާމަށް އައްޔަންކުރާ މީހެއްގެ ކިބައިގައިން ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެއްސެއް ކަމުގައިވުމާއި، އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ސާބުތުވެފައިވާ މީހަކު ކަމުގައި ނުވުން، އިންތިހާބީ މަގާމެއް އަދި ސަރުކާރުގެ އިދާރާއެއްގައި ވަޒީފާއަދާކުރާ ފަރާތެއް ކަމުގައި ނުވުން ހިމެނެ އެވެ. އަދި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހަކަށް ނުވުމާއި އިންޓެލެކްޗުއަލް ޕްރޮޕަޓީގެ ދާއިރާއިން ނުވަތަ ގުޅުން ހުރި ދާއިރާއަކުން ނުވަތަ ގާނޫނީ ދާއިރާއަކުން ފުރަތަމަ ޑިގްރީއެއް އޮތް މީހަކަށްވެސް ވާން ޖެހެ އެވެ. ހިންގުމުގެ ދާއިރާގައި މަދުވެގެން 10 އަހަރުގެ ތަޖުރިބާ އާއި އެއްވެސް ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މެންބަރަކަށްވެސް ވެގެން ނުވާނެ ކަމަށް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.

ރަޖިސްޓްރާގެ ދައުރުގެ މުއްދަތަކީ 5 އަހަރެވެ. ފިކުރީ މުދަލާ ގުޅޭ ކަމާބެހޭ ގާނޫނުތަކުގެ ދަށުން ރަޖިސްޓްރީ ކުރާ ފިކުރީ މުދަލުގެ ދަފުތަރެއް ރަޖިސްޓްރާ ބަލަހައްޓަން ޖެހޭނެ ކަމަށްވެސް އެ ބިލުގައި ބުނެފައިވެއެވެ.

މި ބިލުގައި ބުނެފައިވާ ގޮތުގައި މި ގާނޫނުގެ ދަށުން ނުވަތަ ފިކުރީ މުދަލާ ގުޅޭ ކަމާބެހޭ ގާނޫނުތަކުގެ ދަށުން ރަޖިސްޓްރާއަށް ހުށަހަޅަން ޖެހޭ އެއްވެސް ލިޔެކިޔުމެއް ނުވަތަ އޭގައި ހުރި މައުލޫމާތުގެ ސައްހަކަން ބެލުމަކާ ނުލައި އެ ލިޔެކިޔުމާ އެއްގޮތަށް އަމަލުކުރުމުގެ އިހުތިޔާރު ރަޖިސްޓްރާއަށް ލިބިގެންވެ އެވެ. ނަމަވެސް އެއީ ސައްހަ ނޫން ލިޔެކިޔުމެއް އަދި އޭގައި ހުރި މައުލޫމާތަކީ ސައްހަ ނޫން މައުލޫމާތެއްކަން އެނގޭ ހާލަތުގައި އޭގެ ޒިންމާ ރަޖިސްޓްރާ އުފުލާކަށް ނުޖެހޭނެއެވެ.

ގުޅުންހުރި ލިޔުންތައް