- Advertisement -spot_img

ރާއްޖޭގެ އުފެއްދުންތެރިކަމާއި ފަންނުވެރިކަމަށް މުހިންމު، ޓްރޭޑްމާކް ބިލު މަޖިލީހަށް ހުށަހަޅައިފި

ރާއްޖޭގެ އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމުކުރުމަށް، ޓްރޭޑްމާކް ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މި ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި އިއްވާފައިވާއިރު ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރި ދާއިރާގެ މެންބަރު އަޙްމަދު ޒާހިރުއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ދިވެހިރާއްޖޭގައި އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާޙައުލެއް ޤާއިމުކުރުމަށްޓަކައި، ޓްރޭޑްމާރކް ރަޖިސްޓަރީކޮށްދިނުމާގުޅޭ ނިޒާމެއް ޤާއިމުކޮށް، ކަމާގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅުމާއި ރަޖިސްޓަރީކުރެވޭ ޓްރޭޑްމާރކާ ގުޅިގެން ޓްރޭޑްމާރކްގެ ވެރިފަރާތްތަކަށް ލިބިގެންދާނެ ޙައްޤުތަކުގެ ދާއިރާ ބަޔާންކުރުމާއި، ޓްރޭޑްމާރކްގެ ޙައްޤަކަށް އަރައިގަންނަ ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތައް ބަޔާންކުރުމާއި އެނޫންވެސް ކަމާގުޅޭ އުސޫލުތައް ބަޔާންކޮށްދިނުންކަމަށް ބިލުގައިވަނީ ބުނެފައެވެ.

މި ބިލުގައިވާގޮތުން“ޓްރޭޑްމަރކް“ އަކީ އެއް ފަރާތެއްގެ މުދަލާއި ހިދުމަތްތައް އަނެއްފަރާތުގެ މުދަލާއި ހިދުމަތްތަކާ ތަފާތުކުރުމުގެ ގާބިލުކަން ލިބިފައިވާ ނިޝާންތަކަށެވެ. މި ނިޝާންތަކާ ގުޅިގެން އެކްސްކްލޫސިވް ޙައްގު ލިބޭނީ އެ ޓްރޭޑްމަރކެއް ރަޖިސްޓްރީ ކުރުމުންނެވެ.

ބިލުގައި ބުނެފައިވާގޮތުން ރާއްޖޭގައި ޓްރޭޑްމަރކެއް ރަޖިސްޓްރީކޮށްދޭނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ. މުއްދަތު ހަމަވުމުން އިތުރު 10 އަހަރަށް ރަޖިސްޓްރީގެ މުއްދަތު އިތުރު ކުރުމަށް ހުށަހެޅިދާނެއެވެ.

މިގޮތަށް ރަޖިސްޓްރީ ކުރާ ޓްރޭޑްމަރކް ވެރިފަރާތެއްގެ ހުއްދައާ ނުލައި ވިޔަފާރީގައި ބޭނުންކުރުމުގެ ސަބަބުން އޮޅުން އަރާނެފަދަ ހާލަތެއްގައި އެ ނިޝާނެއް ބޭނުންކުރުން ހުއްޓުވުމުގެ ހައްގު ވެރިފަރާތައް ލިބޭނެއެވެ.

އަދި މިފަދަ ހާލަތްތަކުގައި މައްސަލަ ރައްދުވާ ފަރާތަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމެއް ނެތި ވަގުތީ އަމުރެއް ނެރުމާއި ވެރިފަރާތައް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭން ކޯޓަށް ހުށަހެޅުމާއި ޓްރޭޑްމަރކާ ގުޅޭ ހައްގަށް އަރައިގަތުން ހުއްޓުވައި އެ ހައްގުތައް އަނބުރާ ހޯދަން ހިނގާ ހަރަދު ހޯދައިދޭންވެސް ކަނޑައެޅިދާނެ ކަމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގައި ވަނީ ބުނެފައެވެ.

މި ބިލުގައިވަނީ ރާއްޖޭގައި ކައުންޓަރފީޓްކުރުން ނުވަތަ ޓްރޭޑްމަރކް ކުރެވޭ މުދަލުގެ ނަކަލުތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭރުކުރުންވެސް މަނާކޮށްފައެވެ. މިފަދަ އަމަލެއް ކޮށްފި މީހަކަށް 100،000 (އެއް ލައްކަ) ރުފިޔާ އާއި 2000،000 (ދެ މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށް ބިލުގައިވަނީ ބަޔާންކޮށްފައެވެ. މި ބިލު ފާސްކޮށް، ތަސްދީގު ކުރުމާއެކު މިހާރު ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމަރކްތައް އަލުން ރަޖިސްޓްރީކުރަން 12 މަސް ދުވަހުގެ މުއްދަތެއް ދޭނެއެވެ.

ގުޅުންހުރި ލިޔުންތައް