ހުކުރު, އޮކްޓޯބަރ 10, 2025
spot_img
- Advertisement -spot_img

ގައުމީ ވޮލީބޯޅަ ލީގުގެ ޗެންޕިއަންކަން ދިވެހި ސިފައިންގެ ކުލަބު ހޯދައިފި

މި އަހަރުގެ ޤައުމީ ވޮލީބޯޅަ ލީގުގެ ޗެންޕިއަންކަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އިން ހޯދައިފިއެވެ.

ޑީއެސްސީ އިން މުބާރާތުގެ ޗެންޕިއަންކަން ހޯދީ ލީގުބުރުގައި ކުޅުނު ހަތަރު މެޗުން ހޯދި އަށް ޕޮއިންޓާއެކު އެވެ. ލީގުބުރުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން އެޓީމު ތިން މެޗުން މޮޅުވެފައިވާއިރު، ބަލިވީ ލީގުބުރުގެ ފަހު މެޗުގައި އެންމެ ފަހުގެ ޗެންޕިއަން އެޗްޑީސީ އަތުންނެވެ.

އެޗްޑީސީ މެޗުގެ ކުރިން ޑީއެސްސީއަށް ލީގު ޗެންޕިއަންކަން ކަށަވަރުވެފައި އޮތުމާއެކު އެޓީމުން މި މެޗަށް ނުކުތީ ބަދަލުތަކަކާއެކުގަ އެވެ. އަދި މި މެޗުގެ ސެޓުތައް އެޗްޑީސީން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު، 25-22، 25-22 އަދި 26-25 ގެ ނަތީޖާއަކުންނެވެ.

ދިވެހި ސިފައިންގެ ކްލަބް އަދި އެޗްޑީސީ ބައްދަލުކުރި މެޗުގެ ތެރެއިން | ފޮޓޯ: މިހާރު

މިއަހަރުގެ މުބާރާތުގެ އެންމެ މޮޅު އައުޓް ސައިޑް އެޓޭކަރުންނަކީ ދަޑިމަގުގެ ހުޒަންޓޭ އަދި ޑީއެސްސީގެ އާދަމް ނަސީމް (އެޑަމް) އެވެ. އެންމެ މޮޅު މިޑިލް ބްލޮކަރުންނަށް، ޑީއެސްސީގެ އާދަމް ފައިރޫޒް އާއި އެޗްޑީސީގެ މުހައްމަދު އަހުސަން (ސޮއްޓި) ހޮވުނުއިރު، އެންމެ މޮޅު އޮޕަސިޓް ޕްލޭޔަރަކީ އެޗްޑީސީގެ ޝަމާއިލް ހުސެއިން އެވެ. އެންމެ މޮޅު ސެޓަރަކަށް ޑީއެސްސީގެ ހުސެއިން ޝާހިދު ހޮވުނުއިރު، އެންމެ މޮޅު ލިބަރޯ އަކީ ދަޑިމަގުގެ އަހުމަދު ނަބީލް (ނައްބަ) އެވެ. އަދި އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކީ ޑީއެސްސީގެ ލުއިސް ފިލީޕޭ އެވެ. އަދި އެންމެ މޮޅު ކޯޗަކީ ޑީއެސްސީގެ ކޯޗު ޖުނައިދު އަބްދުالله (މާމަ) އެވެ. އަދި އެންމެ މޮޅު ކުޅުންތެރިޔަކީ ޑީއެސްސީގެ ހުސެއިން ރަޒާން އެވެ.

މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ ޑީއެސްސީގެ ލުއިސް ފިލީޕޭ | ފޮޓޯ: މިހާރު

ޤައުމީ ވޮލީބޯޅަ ލީގުގެ ގަދަ ހަތަރު ޓީމު، މިއަހަރުގެ ޤައުމީ މުބާރާތައް ކޮލިފައިވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ޑީއެސްސީގެ އިތުރުން، އެޗްޑީސީ، ހުރާ އަދި ދަޑިމަގު ޓީމެވެ. އަދި މިހަތަރު ޓީމުގެ މެދުގައި ޤައުމީ މުބާރާތް ކުޅޭއިރު، މިދިޔަ އަހަރުގެ ޤައުމީ ތަށި ޑީއެސްސީ އިން ކާމިޔާބުކުރީ ފައިނަލުގައި އެޗްޑީސީ ބަލިކުރުމަށްފަހު އެވެ.

މީގެ އިތުރުން މިއަހަރުގެ އެސޯސިއޭޝަން ކަޕާއި ގައުމީ ލީގު ޑީއެސްސީ އިން ކާމިޔާބުކޮށްފައިވާއިރު، އެޓީމުން ޤައުމީ މުބާރާތައް ނުކުންނާނީ ސީޒަނުގެ ހުރިހާ ތައްޓެއް ކާމިޔާބުކުރުމުގެ އުންމީދުގައެވެ.

ގުޅުންހުރި ލިޔުންތައް