ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްކަމަށް ކުރިމަތިލެއްވުމަށް އަޙްމަދު ތޯރިޤް (ޓޮމް) ނަން ހުށަހަޅުއްވައިފި އެވެ.
ޓޮމް މި މަގާމަށް ކުރިމަތިލައްވާފައިވަނީ އެފްއޭއެމްގެ މެންބަރު ހުރިހާ ކްލަބެއްގެ ތާއީދާއެކު އެވެ.
މި މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި އެފްއޭއެމްގެ މެމްބަރު 23 ކްލަބުން ވެސް ޓޮމްއަށް ތާއީދުކޮށްފައިވުމާއެކު، އިތުރު އެއްވެސް ކެންޑިޑޭޓަކަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތެއް ނޯންނާނެއެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުން، އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުން އެމީހުންގެ ނަން ހުށަހަޅާއިރު، ފުރަތަމަ ޑިވިޝަނުގެ މަދުވެގެން ދެ ކްލަބުގެ ތާއީދާއެކު ފަސް ކްލަބެއްގެ ތާއީދު ސިޓީ ހުށަހަޅަންޖެހެ އެވެ. އަދި ކޮންމެ ކްލަބަކަށްވެސް ތާއީދު ސިޓީ ދެވޭނީ އެންމެ ކެންޑިޑޭޓަކަށެވެ.
ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިގު ވަނީ އޭނާގެ ފޯމާ އެކު އެގްޒެކްޓިވް ކޮމިޓީގެ މެމްބަރުންގެ ނަންތައް ވެސް ހުށައަޅުއްވައިފަ އެވެ.
އެފްއޭއެމްގެ އެކްސޯއަށް ޓޮމް ހުށަހެޅުއްވި މެންބަރުން:
އަހުމަދު ތޯރިގު – ރައީސް
އަލީ އިބްރާހިމް، ނިއު ރޭޑިއަންޓް – ސީނިއަ ވައިސް ޕްރެޒިޑެންޓް
ހުސެއިން ޝާފިއު، މާޒިޔާ – ވައިސް ޕްރެޒިޑެންޓް
މުޖުތަބާ ޖަލީލް، ނިއު ރޭޑިއަންޓް – ވައިސް ޕްރެޒިޑެންޓް
އިމްރާން މުހައްމަދު، ކުރީގެ ގައުމީ ޓީމުގެ ކީޕަރު – މެމްބަރު
މުހައްމަދު އުމައިރު، ކުރީގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ – މެމްބަރު
އަހުމަދު އައްބާސް، ޓީސީ – މެމްބަރު
އަލީ ރިޒްވާން، ބީޖީ – މެމްބަރު
ހައްވާ ނަސްރާ ސައީދު – އަންހެން މެމްބަރު
ހައްވާ ރަޝީދާ – އަންހެން މެމްބަރު
ޤައުމީ ޓީމުގެ ކުރީގެ ފޯވަޑް ޓޮމް ވަނީ މީގެ ކުރިންވެސް އެފްއޭއެމްގެ ރައީސްކަން ކުރައްވާފަ އެވެ.
މިހާރު ހުރިހާ ކްލަބެއްގެ ތާއީދާއެކު ޓޮމް ކުރިމަތިލައްވާފައިވުމާއެކު، މިމަހުގެ 26 ވަނަ ދުވަހު ބޭއްވޭ އިންތިޚާބުގައި އިތުރު ވާދަވެރިއަކު ނެތި ޓޮމް އެފްއޭއެމްގެ ރައީސްކަމަށް ހޮވިވަޑައިގަންނަވާނެ އެވެ.



