ޔޫއެންޑީޕީ އާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ ގުޅިގެން އަންހެނުންނަށް އަމާޒުކޮށްގެން ބާއްވާ ޕްރެކްޓިސް ޕާލިމެންޓް ފޯ ވުމެން މިއަދު ރައްޔިތުންގެ މަޖިލީހުގައި ފެށިއްޖެއެވެ.
މި ޕްރޮގްރާމަކީ އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަމާއެކު 2021 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ފައްޓަވައިދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލް، އަލްއުސްތާޛާ ފާޠިމަތު ނިއުޝާ ވިދާޅުވި ގޮތުގައި، މިހާތަނަށް އަންހެނުންނަށް އަމާޒުކޮށްގެން ހަތް ޕްރޮގްރާމް ކުރިއަށްގެންދެވި، 200 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވެއެވެ. އަދި ކޮންމެ ފަހަރަކުވެސް ހީކުރާ މިންވަރަށްވުރެ ބޮޑު ތަރުހީބެއް ލިބެމުންދާކަން ނިއުޝާ ފާހަގަކުރެއްވިއެވެ.

މި އަހަރުގެ ޕްރޮގްރާމްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 39 ބައިވެރިން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ސިޔާސީ ދާއިރާއަށް، ޚާއްޞަކޮށް މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލުމަށް ޝައުޤުވެރިކަން ހުންނަ އެކި ގިންތީގެ އަންހެނުންގެ އަދަދު އިތުރުކުރުމެވެ.
ޖުލައި 5 އިން 12 އަށް ކުރިއަށްދާ މި ޕްރޮގްރާމްގައި ބައިވެރިންނަށް މަޖިލީހާ ބެހޭ މަޢުލޫމާތުގެ އިތުރުން، ގަވަރނަންސް، ޑިމޮކްރަސީ އަދި ލާމަރުކަޒީ ނިޒާމާއި މަޢުލޫމާތު ލިބިގަތުމުގެ ހައްގު އަދި ގާނޫނު މުރާޖާ ކުރަން އަހުލުވެރި ކުރުން ހިމެނެއެވެ.



