މެޗުގެ ނަތީޖާ އެއްވަރު ވުމުން، އިތުރު ވަގުތުގެ ގޮތުގައި ކުޅުނު ދެ ހާފުގައި ލަނޑު ޖަހައިގެން އަލް ޙިލާލް ވަނީ މެޗުން މޮޅުވެފަ އެވެ.
މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑް ކަޕްގެ 2 ވަނަ ބުރުގައި ސައުދީ އަރަބިއްޔާގެ އަލް ޙިލާލްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، މެންޗެސްޓަރ ސިޓީ މުބާރާތުން ކަޓައިފި އެވެ.
މި މެޗު އަލް ޙިލާލް އިން ކާމިޔާބު ކުރީ 4-3 އިންނެވެ. މެޗުގައި ސިޓީ އިން ކުރި ހޯދާފައި ވަނިކޮށް، އަލް ޙިލާލް އިން ލީޑު ނެގި އެވެ. މެޗުގެ ނަތީޖާ އެއްވަރު ވުމުން، އިތުރު ވަގުތުގެ ގޮތުގައި ކުޅުނު ދެ ހާފުގައި ލަނޑު ޖަހައިގެން އަލް ޙިލާލް ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން ނުވަ ވަނަ މިނެޓުގައި ސިޓީ އިން ވަނީ ލަނޑު ޖަހައި ކުރި ހޯދައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ބެނާޑޯ ސިލްވާ އެވެ. އޭނާ އެ ލަނޑު ޖެހީ އިލްކާއީ ގުންޑޮގާން ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި އަލް ޙިލާލް އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މާކޮސް ލިއޮނާޑޯ އެވެ. އޭގެ ހަ މިނެޓު ފަހުން އަލް ޙިލާލް އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި މެޗުގައި ލީޑު ނަގައިފަ އެވެ. ޔާއޯ ކަންސޭލޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ޖެހީ މެލްކޮމްއެވެ.

އަލް ޙިލާލް އިން ލީޑު ނެގީތާ ތިން މިނެޓުގެ ތެރޭގައި ސިޓީ އިން ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑެއް ޖަހައި ނަތީޖާ ހަމަހަަމަ ކޮށްފަ އެވެ. އެ ލަނޑު ސިޓީ އަށް ޖަހައިދިނީ ނޯވޭގެ ފޯވާޑް އާލިން ހާލަންޑް އެވެ.
މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ކުޅުނު ދެ ހާފުގައި އަލް ޙިލާލްގެ ތިން ވަނަ ލަނޑު ޖަހައި ދެ ވަނަ ފަހަރަށް ލީޑު ނަގައިދިނީ ޚަލީދޫ ކުލިބާލޭ އެވެ. ނަމަވެސް، ފިލް ފޮޑެން ޖެހި ލަނޑާ އެކު ސިޓީ އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރި އެވެ. އޭގެ ފަހުން މެޗުން އަލް ޙިލާލް މޮޅުވީ ލިއޮނާޑޯ ޖެހި ލަނޑުންނެވެ.
މުބާރާތުގެ ކުއާޓާ ފައިނަލްގައި އަލް ޙިލާލް ނިކުންނާނީ ބްރެޒިލްގެ ފްލުމިނެންސޭއާ ދެކޮޅަށެވެ.