- Advertisement -spot_img

ބީއެމްއެމްއެލް ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ފައިސާ ދެއްކުމަށް ކަނޑާއަޅާފައި އޮންނަ ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފިއެވެ.

ބީއެމްއެލުން ބުނީ މި ބަދަލު އަންނާނީ މާދަމާއިން ފެށިގެން ކަމަށެވެ. މިހާރު މަހަކު ބޭރުގެ މުއާމަލާތްތަކަށް ޑެބިޓް ކާޑުތަކަށް ދީފައިވަނީ 250 ޑޮލަރުގެ ލިމިޓެކެވެ.

ބޭންކުން ބުނީ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުންވެސް ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކޮށް، މި ބަދަލު ގެނައީ މިހާރު ޑެބިޓް ކާޑުތަކުން ބައެއް ކަސްޓަމަރުން ނަހަމަ ގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ކަމަަށެވެ.

ރާއްޖޭން ބޭރަށް ދަތުރުނުކުރާ ކަސްޓަމަރުންގެ ކާޑުތައް ރާއްޖޭން ބޭރަށް ގެންގޮސްގެން އޭޓީއެމްތަކުން ފައިސާ ނަގާކަން ފާހަގަކޮށް ބޭންކިން ބުނީ އެހެންވެ މުދަލާއި ހިދުމަތުން ފައިސާ ދެއްކޭ އަދަދު އިތުރުކޮށްދިނުމާއެކު އޭޓީއެމުން ރާއްޖޭން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޔޫއެސް ޑޮލަރު ކަމަށް ހަދާފައިވާ ކަމަށެވެ. އަދި ބޭރުގެ އޭޓީއެމުން ފައިސާ ނެގުމުން 10 ޑޮލަރު ޗާޖުކުރާނެ ކަމަށް ވެސް ބުންޏެވެ.

ޑެބިޓް ކާޑުތަކުން އެންމެ ގިނައިން ކުރާ އެއްކަމަކީ އިންޓަނެޓް މެދުވެރިކޮށް ބައެއް ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގަތުން ކަން ފާހަގަކޮށް ބީއެމްއެލުން ބުނީ އެގޮތަށް ފާހަގަކުރެވޭ ބައެއް މަދު ސައިޓްތަކުން ފައިސާ ދައްކާއިރު 30 އިންސައްތައާ ހަމައަށް ފީއެއް ނަގަން ނިންމާފައިވާ ކަމަށެވެ. މިގޮތަށް ފީ ނަގާނީ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން އެކަންޏެވެ.

މިގޮތަށް ފީ ނެގިޔަސް ޓިކެޓް ނެގުމަށާއި ހޮޓެލް ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތަކުން އިތުރު ފީއެއް ނުނަގާނެ ކަމަށް ބީއެމްެއެލުން ބުނެއެވެ. އަދި ޑޮލަރު އެކައުންޓްތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކުން ކުރާ މުއާމަލާތަށް ވެސް ފީއެއް ނުނަގާނެއެވެ.

މީގެ އިތުރުން ރާއްޖޭން ބޭރުން މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ އަދަދު 500 ޑޮލަރަށް ބޮޑުކޮށްފައިވަނީ މިހާރު ނަގާ ފީ އިތުރުކުރުމަކާ ނުލައި ކަމަށް ބޭންކުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް