ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ގުރޫޕް ސްޓޭޖްގައި އެއްވެސް މެޗަކުން ބަލިނުވެ ރެއާލް މެޑްރިޑް ދެވަނަ ބުރުން ޖާގަ ހޯދައިފި

އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އެޗުގައި މިއަދު ހެނދުނު ކުޅުނު މެޗުގައި 3-0 ގެ ނަތީޖާއަކުން ސަލްޒްބާގު ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ރެއާލް މެޑްރިޑް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުގައި އަލް ހިލާލް އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވި ނަމަވެސް ދެވަނަ މެޗުގައި އެޓީމުން ވަނީ ޕަޗޫކާ 3-1 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. އަދި ސަލްޒްބާގު ގެ ފުރަތަމަ މެޗުގައި ޕަޗޫކާ އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވިއިރު، އަލް ހިލާލް އާއި ދެކޮޅަށް ކުޅުނު މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

ރެއާލް މެޑްރިޑާއި ސަލްޒްބާގް ވާދަކުރި މެޗުގެ ތެރެއިން .

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓްކުރިއިރު އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ވިނީސިއަސް ޖޫނިއަރ އެވެ. މިއީ އެޓީމުގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ރެއާލް މެޑްރިޑުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ވިނީސިއަސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އުރުގުއޭ މިޑްފީލްޑަރު ފެޑަރީކޯ ވަލްވާޑޭ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

ރެއާލް މެޑްރިޑާއި ސަލްޒްބާގް ވާދަކުރި މެޗުގެ ތެރެއިން .

މެޗުގެ ދެވަނަ ހާފުގައި ރެއާލް މެޑްރިޑްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ސަލްޒްބާގުން ވަނީ ރެއާލްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވިދިޔައިރު، ރެއާލްގެ ތިންވަަނަ ލަނޑު ފަހުހާފުގެ 84 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނޫ ޒުވާން ފޯވާޑް ގޮންޒާލޯ ގާސިއާ އެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަތް ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ރެއާލް މެޑްރިޑް ދެވަނަ ބުރުން ޖާގަ ހޯދިއިރު، މިމެޗުން ބަލިވި ސަލްޒްބާގު ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު އެޓީމުން މުބާރާތް ނިންމާލީ ގުރޫޕްގެ ތިންވަނައިގައެވެ.

ގުޅުންހުރި ލިޔުންތައް