އެމެރިކާގައި މިހާރު ކުރިއަށްދާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ޑީގައި މިއަދު ހެނދުނު ޗެލްސީ އާއި އެސްޕެރެންސް ތޫނިސް ވާދަކުރި މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެލްސީ އިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ޗެލްސީ އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތިންވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޓޯސިން އިންއެވެ. މިއީ އެސްޕަރާންސް ތޫނިސްގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއްގައި އެޓީމުގެ އެންޒޯ ފެނާންޑޭޒް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ޗެލްސީ އިން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ އިތުރުވަގުތުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމާއި އަލަށް ގުޅުނު އިނގިރޭސި ފޯވާޑް ލިއަމް ޑެލަޕް އެވެ. މިއީ އިޕްސްވިޗް ދޫކޮށް ޗެލްސީއާއި ގުޅުނު ފަހުން ޑެލަޕް އެޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
މިމެޗުގައި ޗެލްސީގެ ތިންވަނަ ލަނޑު ފަހުހާފުގެ އިތުރު ވަގުތުގެތެރޭގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޒުވާން ފޯވާޑް ޓިރިކް ޖޯޖް އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ޗެލްސީއަޢް ހަ ޕޮއިންޓް ލިބިފައިވާއިރު، އެޓީމު ދެވަނަ ބުރުން ޖާގަހޯދީ ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި މިމެޗުން ބަލިވި އެސްޕަރާންސް ތޫނިސް ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ތިން ޕޮއިންޓާއެކު އެޓީމުން މުބާރާތް ނިންމާލީ ގުރޫޕްގެ ތިންވަނައިގައެވެ.
މުބާރާތުގެ ދެވަނަ ބުރުގައި މިމަހުގެ 29 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު 1:00 ގައި ޗެލްސީ އިން ނުކުންނާނީ ގުރޫޕް ސީގެ އެއްވަނަ ހޯދި ބެންފީކާ އާއި ދެކޮޅަށެވެ.