މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ 2024 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ ބާއްވައިފިއެވެ.
މި އާންމު ޖަލްސާ ބާއްވާފައިވަނީ ރޭ 20:30 ގައި ބާސެލޯ ނަސަންދުރާގެ ”އަރި“ ބޯލްރޫމްގައެވެ.
އަހަރީ ޢާންމު ޖަލްސާ ބާއްވާއި އެޖެންޑާ އައިޓަމްތަކަށް ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ޖަލްސާއަށް ހިއްޞާދާރުން ހާސިރުވެގެންނާއި އަދި ހިއްޞާދާރުން ބޭނުންފުޅުވާނަމަ އޮންލައިންކޮށްވެސް ބައިވެރިވެވޭގޮތަށް މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން ”ފަހިވޯޓް“ މެދުވެރިކޮށެވެ.

ޖަލްސާގައި މުޅިއެކު ތަމްސީލުވީ 156 ހިއްޞާދާރުންނެވެ. އެއީ މުޅިއެކު 5,587,737 ހިއްޞާއެވެ. އެއީ ކުންފުނީގެ ރައުސުލްމާލުގެ 69.52 އިންސައްތަ ހިއްޞާދާރުންކަމަށް އެމްޓީސީސީ އިން މަޢުލޫމާތުދެއެވެ.
މިޖަލްސާގައި 2024 ވަނަ އަހަރުގެ ޙިއްސާގެ ފައިދާގެ ގޮތުގައި 2 ރުފިޔާ ޙިއްސާދާރުންނަށް ބެހުމަށް ވަނީ ފާސްކޮށްފައެވެ. އަދި މީގެ އިތުރުން ކުންފުނީގެ 2024 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި، އޮޑިޓް ކޮށްފައިވާ މާލީ ހިސާބުތަކާއި، 2023 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާ ވަނީ ފާސްކޮށްފައެވެ.
އަދި 2025 ވަނަ އަހަރަށް ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރުގެ ގޮތުގައި ކަނޑައަޅާފައިވަނީ ’ޑެލޮއިޓް ޕާޓްނާސް‘ އެވެ.