އިސްރާއީލުން ފަލަސްތީނުގެ ޣާޒާގައި ހިންގަމުންގެންދާ ގަތުލުއާންމުގެ ސަބަބުން، ދިވެހިރާއްޖެއަށް ނާދެވޭގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރުން އެހެން ގައުމުތަކުން ބަލައިގަތްކަމަށާއި އެކަމުގެ ސަބަބުން އެއްވެސް ނޭދެވޭ އަސަރެއް ނުކުރާ ކަމަށް، ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާއާ ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މި ބަދަލަކީ ރައްޔިތުން އެދެމުން ދިޔަ ބަދަލެއް ކަމަށެވެ. އަދި މިއީ ރާއްޖެ ކަހަލަ ކުޑަ ޖަޒީރާ ގައުމަކުން މީގެ ކުރިން ކޮށްފައިވާވަރުގެ ކަމެއް ނޫން ކަމަށް، ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާ ދިވެހިންގެ އޮތީ އަހުވަންތަ ގުޅުމެއް ކަމަށެވެ. އަދި އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ސަބަބުން، ފަތުރުވެރިކަމަކަށް އަސަރެއް ނުކުރާނެ ކަމަށް، ވަޒީރު ވިދާޅުވި އެވެ.
ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ދަށުން އެންމެ އިސްކަމެއް ދޭ ކަމަކީ ދިވެހި ގައުމާއި ދިވެހީންގެ މަސްލަހަތުކަމަށާއި އިޒްރޭލު ޕާސްޕޯޓު މަނާކުރުމާ ގުޅޭގޮތުން ރާއްޖެއިން މަޝްވަރާކުރި ހުރިހާ ގައުމަކުން ވެސް އެ ފިޔަވަޅު ބަލައިގަތް ކަމަށް ވަޒީރު ވިދާޅުވި އެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ވަޒީރުންގެ މަޖިލީހުން ނިންމައި، ސަރުކާރުން އެކަން އިއުލާނުކުރީ މިދިޔަ އަހަރުގެ ޖޫން ދެވަނަ ދުވަހެވެ.
ސަރުކާރުން އެކަން އިއުލާނުކުރިއިރު، އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް އޮތީ ބިލެއް ހުށަހަޅާފައެވެ. އެހެންކަމުން ޕީއެންސީން ނިންމީ އެ ބިލު ބަލައިގަނެ، އެ ބިލަށް ސަރުކާރުން ބޭނުންވާ އިސްލާހުތައް ގެންނާށެވެ. ބިލު ބަލައިގަނެ، 241 ކޮމިޓީއަށް ފޮނުވީ މިދިޔަ އަހަރުގެ ޖޫން 10 ވަނަ ދުވަހެވެ.