ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

މިއަހަރުގެ ޙައްޖު ޚުޠުބާ 35 ބަހަށް ތަރުޖަމާކޮށް ދައްކާނެ

ދެ ޙަރަމުގެ ކަންކަން ބަލަހައްޓާ ސަޢުދީ ޢަރަބިއްޔާގެ އިދާރާއިން މިއަދު އިޢުލާނު ކުރި ގޮތުގައި، މި އަހަރުގެ ޙައްޖު ޚުޠުބާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަސް މިލިޔަނަށްވުރެ ގިނަ މުސްލިމުންނަށް ފޯރުކޮށްދިނުމުގެ މަޤުސަދުގައި އެ ޚުޠުބާ 35 ބަހަކަށް ތަރުޖަމާ ކުރާނެއެވެ.

މި އަހަރުގެ އަރަފާތު ދުވަހުގެ ޚުޠުބާ ދެއްވާނީ މަސްޖިދުލް ޙަރާމުގެ އިމާމެއް ކަމަށްވާ ޝައިޚް ޑރ ސާލިޙް ބިން ހުމައިދުއެވެ. މި މަޝްރޫޢުއަކީ ސަޢުދީ ޢަރަބިއްޔާއިން މިހާތަނަށް ހިންގާ މި ފަދަ އެންމެ ބޮޑު ޙަރަކާތް ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

މި މަޝްރޫޢު ރަސްމީކޮށް ފައްޓަވައިދެއްވީ މާތްވެގެންވާ ދެ ޙަރަމްފުޅުގެ ކަންކަން ބަލަހައްޓާ އިދާރާގެ ދީނީ ކަންކަމާގުޅޭ ރައީސް، ޝައިޚް ޑރ އަބްދުލްރަޙްމާން އަލް-ސުދައިސްއެވެ. އެ މަނިކުފާނުގެ އިދާރާގައި ބޭއްވެވި ބައްދަލުވުމެއްގައި މި މަޝްރޫޢު ފެށުނެވެ.

މި ޙަރަކާތުގެ މުހިންމު މަޤްސަދަކީ ދަރުހުން ދޭ ފިލާވަޅު ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ތިބި މީހުންނަށް ފޯރުކޮށްދީ އަޑުއެހުންތެރިންގެ އީމާންތެރިކަން އިތުރު ކޮށްދިނުމެވެ. ޚުޠުބާ ދެމުންދާއިރު ވަގުތުން ތަރުޖަމާ އަރަމުންދާނެ ކަމަށާއި، އިންޓަނެޓު މެދުވެރިކޮށްވެސް ތަރުޖަމާއާއެކު ޚުޠުބާ ބަލައިލެވޭނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އަދި މީސްމީޑިޔާގެ އެކި މަންސަތަކުގައި މި ޚުޠުބާ ވަގުތުން ޙިއްޞާ ކުރަމުންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ޙައްޖުގެ ކަންކަމާގުޅޭ ބައްދަލުވުމުގައި ޙައްޖާގުޅޭ އެންމެ ފަހުގެ ތައްޔާރީތައް މުރާޖަޢާކޮށް، ކަމާބެހޭ އިދާރާތަކާ ގުޅިގެން ޚުޠުބާ ދުރަށް ދެއްކުމަށް ވަމުންދާ ތައްޔާރީތައް ވަނީ ކަށަވަރު ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް