ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ވިލިމާލެ ޕޮލިސްގެ ކުޅިވަރު ވަސީލަތްތައް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ވިލިމާލެ ޕޮލިސްގެ ކުޅިވަރު ވަސީލަތްތައް ތަރައްގީ ކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ދެމެދު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ވިލިމާލެ ޕޮލިސްގައި ގާއިމްކުރެވޭ ކުޅިވަރު ވަސީލަތްތަކަކީ ދެ ފަރާތުން ބޭނުންކުރެވޭ ގޮތަށް ތަރައްގީކުރެވޭ ވަސީލަތްތަކެކެވެ.

މިކަމަށްޓަކައި އިސްކަންދަރު ކޮށީގައި ބޭއްވުނު ރަސްމިއްޔާތުގައި ދެ މުއައްސަސާގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލެވެ.

ވިލިމާލެ ޕޮލިސްގެ ކުޅިވަރު ވަސީލަތްތައް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއިކުރުން | ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް

މި އެއްބަސްވުގެ ދަށުން ކުރެވޭ މަސައްކަތްތަކަކީ ވިލިމާލޭގައި ކުޅިވަރުގެ ވަސީލަތްތައް އިތުރަށް ތަރައްގީކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދީ ހަށީހެޔޮ ސިއްހަތެއްގައި ތިބެ، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ މުހިންމު މަސައްކަތެކެވެ. މީގެ އިތުރުން، މި މަސައްކަތުގެ ސަބަބުން ދެ މުއައްސަސާގެ ގުޅުމާއި ވިލިމާލޭގެ އިޖްތިމާއީ ގުޅުން ބަދަހިވެގެންދާނެއެވެ.

މި އެއްބަސްވުމުގެ ދަށުން ވިލިމާލޭ ޕޮލިސްގެ ފުޓްސަލް ދަނޑާއި ވޮލީ ކޯޓު އިތުރަށް ތަރައްގީކޮށް އިތުރު ކުޅިވަރު ވަސީލަތްތައް ގާއިމު ކުރުމަށް ހަމަޖެހިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް