ރ. ދުވާފަރުގައި ބޭންކް އޮފް މޯލްޑްވްސްގެ ބްރާޗެއް އެޅުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
މިމަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ބޭންކިންގގެ ނިޒާމު ޤާޢިމްކުރުމުގެ މަޝްރޫއުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ބްރާންޗެކެވެ.
ދުވާފަރު ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ޢަލީގެ އިސްނެންގެވުމާއިއެކު ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މިމަސައްކަތް ނިންމާލުމުން، އެރަށުގައި އަދި ކައިރި އެހެން ރަށްރަށާއި ރިސޯޓްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މިއަދު ފެށި މިމަސައްކަތާއި ގުޅިގެން ދާއިރާގެ މަޖިލިސް މެމްބަރު ފާހަގަކުރެއްވި ގޮތުގައި މި ބްރާންޗްގެ ސަބަބުން ދުވާފަރުގައި ބޭންކިންގގެ ނިޒާމު ޤާއިމްވެ، ހަރުދަނާވެގެން ދިޔުމަކީ ހުރިހާ ރައްޔިތުންގެވެސް އުންމީދުކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް މިފަދަ ޕްރޮޖެކްޓްތައް ދުވާފަރުގައި ފެށިގެންދާކަމީ ނުހަނު އުފާކުރާ ކަމެއްކަމަށާއި، އެކަމަށްޓަކައި ރައީސްއަށް ޝުކުރު ދަންނަވާކަމަށް މެމްބަރު ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވަނި ވިދާޅުވެފައެވެ.
ރައީސްގެ އަމާޒާއި އެއްގޮތަށް ބޭންކް އޮފް މޯލްޑިވްސް ވަނީ އިން މިހާތަނަށް ޖުމްލަ 6 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު މިވަނީ އޭޓީއެމްގެ ޚިދުމަތްވެސް ފަށާފައެވެ. ޚިދުމަތް މިހާތަނަށް ފެށި އަތޮޅުތަކަކީ ހއ. އަތޮޅާއި ށ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ކ. އަތޮޅެވެ.
ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވައިގެން އޭޓީއެމްގެ ޚިދުމަތް ރަށްރަށުގައި ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރާ ބީއެމްއެލް ގުޅިގެން ފަށްޓަވާފައިވަނީ ވީހާވެސް ރައްޔިތުންނާ ގާތުން ލުއި ފަސޭހަކަމާއެކު ބޭންކިންގެ އެކިއެކި ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ.