ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ސަރަޙައްދީ އަދި ޤައުމީ ފެންވަރުގައި އެތުލެޓިކްސްގެ ދާއިރާއިން ކޮށްދީފައިވާ ޚިދުމަތްތަކަށް ޠަލާލަށް ބައިނަލްއަޤުވާމީ އެވޯޑެއް

ދިވެހިރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަންގެ ކުރީގެ ރައީސް އަދި މިހާރުގެ ކޮމިޝަނަރ އޮފް ސްޕޯޓްސް، އަލްފާޟިލް މުޙައްމަދު ޠަލާލްއަށް އޭޝިއަން އެތުލެޓިކްސްއިން ޝަރަފުވެރި ލީޑަޝިޕް އެވޯޑެއް ހަވާލުކޮށްފިއެވެ.

މި އެވޯޑަކީ އެތުލެޓިކްސްގެ ދާއިރާއަށް އަލްފާޟިލް ޠަލާލް ކުރައްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވާފައިވާ ޝަރަފުވެރި އެވޯޑެކެވެ.

ދެކުނު ކޮރެއާގައި މިހާރު ކުރިއަށްދާ އޭޝިއަން އެތުލެޓިކްސް ކޮންގްރެސް 2025 ގައި މި އެވޯޑު އަލްފާޟިލް ޠަލާލްއާ ހަވާލުކުރެވުނެވެ. މި އެވޯޑު ދިނުމަށް އޭޝިއަން އެތުލެޓިކްސްއިން ނިންމާފައިވަނީ ސަރަޙައްދީ އަދި ޤައުމީ ފެންވަރުގައި އެތުލެޓިކްސްގެ ދާއިރާއަށް ޠަލާލް ކުރައްވާފައިވާ ފާހަގަކޮށްލެވޭ މަސައްކަތްތަކާއި ޝައުޤުވެރިކަމާއެކު ދެއްވާފައިވާ ޚިދުމަތްތަކަށް ބަލައިގެންނެވެ.

ޠަލާލްގެ ލީޑަޝިޕްގެ ދަށުން ދިވެހިރާއްޖޭގެ އެތުލެޓިކްސް ދާއިރާއިން ވަނީ ގިނަގުނަ ކުރިއެރުންތަކެއް ހާސިލުކޮށްފައެވެ. މީގެ ތެރޭގައި ބައިނަލްއަޤްވާމީ މުބާރާތަކުން ދިވެހިރާއްޖެއަށް ލިބުނު އެންމެ ފުރަތަމަ ރަން މެޑަލް ހިމެނެއެވެ. މީގެ އިތުރުން، އެތައް ބައިނަލްއަޤްވާމީ މުބާރާތްތަކަކުން ދިވެހި އެތުލީޓުން ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ.

ޠަލާލްގެ ކުޅިވަރުގެ ދާއިރާގެ ޚިދުމަތުގެ ތާރީޚަށް ބަލާއިރު، 2012 ވަނަ އަހަރު އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތުމާއެކު، ވިދިވިދިގެން ތިން ދައުރު އެ މަޤާމު ފުރުއްވިއެވެ. އަދި 2021 ވަނަ އަހަރު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ މަޤާމަށްވެސް އިންތިޚާބުވެވަޑައިގަތެވެ. 2023 ވަނަ އަހަރު ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްކަމުން އިސްތިއުފާ ދެއްވިއެވެ.

މި ޝަރަފުވެރި އެވޯޑަކީ ޠަލާލްގެ ހިތްވަރާއި ކެނޑިނޭޅި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ލިބިވަޑައިގެންފައިވާ ޤަދަރެއްކަން ފާހަގަކުރެވެއެވެ. އަދި މިއީ ދިވެހިރާއްޖޭގެ އެތުލެޓިކްސް ދާއިރާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަޚުރެއް ކަމުގައިވެސް ދެކެވެއެވެ.

ގުޅުންހުރި ލިޔުންތައް