ރާއްޖޭގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މަޝްރޫޢުތައް ރާވައި، ވިލަރެސްކޮށް އަދި މޮނިޓަރކުރުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ދެ ދުވަހުގެ ވަރކްޝޮޕެއް ބާއްވައިފިއެވެ.
މި ވަރކްޝޮޕް ބޭއްވުނީ ކޮމަންވެލްތު ސެކްރެޓޭރިއެޓް އަދި އެން.ޑީ.ސީ ޕާޓްނަރޝިޕްގެ އެހީތެރިކަމާއެކުގައެވެ.
”ޕްރޮޖެކްޓް އެންޑް ޕޯޓްފޯލިއޯ މެނޭޖްމަންޓް“ ގެ ނަމުގައި ބޭއްވުނު މި ވަރކްޝޮޕްގައި ބައިވެރިން މަޝްރޫޢުތައް ރާވައި ހިންގުމާއި، ރިސްކް އެސެސްމަންޓް އަދި މަޝްރޫޢުތައް ހަރުދަނާކޮށް ތަންފީޒުކުރުމަށްޓަކައި އެކި އިދާރާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭ ސެޝަންތަކުގައި ބައިވެރިވިއެވެ.
މި ވަރކްޝޮޕްގެ މަޤްޞަދަކީ ރާއްޖޭގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ހިންގޭ މަޝްރޫޢުތައް ފުރިހަމައަށް ކާމިޔާބުކުރުމަށްޓަކައި ބޭނުންވާ ހުނަރުތައް ކަމާބެހޭ ފަރާތްތަކަށް ދަސްކޮށްދިނުމެވެ. މީގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެޅޭ ފިޔަވަޅުތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.
މި ސަރުކާރުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ޚާއްޞަ ސަމާލުކަމެއް ދެއްވާކަން ފާހަގަކުރެވެއެވެ. މިފަދަ ވަރކްޝޮޕްތަކުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.