- Advertisement -spot_img

މުވާޞަލާތީ ގޮތުން ދުނިޔެ މިދެކޭ ހަލުވި ކުރިއެރުމުގެ ބޭނުން ހިފަންވީ ރާއްޖޭގެ މަޤްބޫލުކަން އިތުރު ކުރަން: ރައީސް

މުވާޞަލާތީ ގޮތުން ދުނިޔެ މިދެކޭ ހަލުވި ކުރިއެރުމުގެ ބޭނުން ހިފަންވާނީ ދިވެހިރާއްޖެ އިޝްތިހާރުކޮށް، ޤައުމުގެ މަޤްބޫލުކަން އިތުރު ކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރާ ދުނިޔޭގެ މުވާސަތާލާއި މައުލޫމާތުގެ ދާއިރާގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

”މުވާޞަލާތީ ގޮތުން ދުނިޔެ މިދެކޭ ހަލުވި ކުރިއެރުމުގެ ބޭނުން އަޅުގަނޑުމެން ހިފަންވީ ދިވެހިރާއްޖެ އިޝްތިހާރުކޮށް، މަޤްބޫލުކަން އިތުރު ކުރުމަށް.“ ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ފާހަގަކުރެއްވި ގޮތުގައި، މުވާޞަލާތީ ވަސީލަތްތަކުގެ ބޭނުން ހިފަންވާނީ ޤައުމަށް އާމްދަނީ ހޯދޭނެ މަގުތައް ފަހިކުރުމަށް ވެސް މެއެވެ.

މި މުނާސަބަތުގައި ރައީސް ވަނީ މުވާޞަލާތާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާގެ އެކި މަސައްކަތްތައް ރާއްޖޭގައި ކުރައްވާ ހުރިހާ ޚިދުމަތްތެރީންނަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި މި ދާއިރާއަކީ ޤައުމުގެ ތަރައްޤީއާއި މުސްތަޤްބަލަށް މުހިންމު ޚިދުމަތެއް ކަމަށް ފާހަގަކުރައްވައި، އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.

ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވެފައިވާއިރު ފާއިތުވި އަހަރުތަކުގައި ދިވެހިރާއްޖޭގެ މުވާޞަލާތީ ދާއިރާއަށް ވެސް ވަނީ ގިނަގުނަ ކުރިއެރުންތަކެއް ލިބިފައެވެ.

މިއަހަރުގެ ދުނިޔޭގެ މުވާސަލާތީ ދުވަހުގެ ޝިއާރަކީ ”ޖެންޑަރ އިކުއަލިޓީ އިން ޑިޖިޓަލް ޓްރާންސްފޯރމޭޝަން“ މިއެވެ. ދުނިޔޭގެ މުވާސަލާތީ ދުވަސް ފާހަގަކުރާއިރު ޑިޖިޓަލް ޓެކްނޮލޮޖީ މި ވަނީ ދުވަހުން ދުވަހަށް ކުރިއަރަމުން އައިސް، ދިރިއުޅުމުގެ ގިނަ ކަންކަން ޓެކްނޮލޮޖީއާ ނުލާ ނުކުރެވޭ ހިސާބަށް އައިސްފައެވެ. ސްކޫލް ދަރިވަރުންގެ ކިޔެވުމާއި މަސައްކަތާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، އާއްމު ދިރިއުޅުމުގެ ގިނަ ކަންކަން މި ވަނީ މުވާސަލާތީ އެކިއެކި އާލާތްތައް މެދުވެރިކޮށް އިތުރަށް ފަސޭހަ ވެފައެވެ.

ގުޅުންހުރި ލިޔުންތައް