ހުކުރު, އޮކްޓޯބަރ 10, 2025
spot_img
- Advertisement -spot_img

އަޒްމިރަލްދާއާއި މަހާޒް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

ސުޕްރީމް ކޯޓުން ސަސްޕެންޑު ކޮށްފައިވާ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު، މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އަޒްމިރަލްދާއާއި މަހާޒް މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ، އެ ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލުމަށްފަހު، އެ ބޭފުޅުން މަގާމުން ވަކިކޮށްދިނުމަށް އެދެމުންނެވެ.

އަޒްމިރަލްދާ އާއި މަހާޒް ވަކިކުރުމަށް އެ ކޮމިޝަނުން ނިންމީ، އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ބަންދުކުރުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔަ މަޖިލީހަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައެވެ.

މައްސަލާގައި ޖުޑީޝަރީ ކޮމިޓީން ފަހުން ސިއްރުން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ނިންމީ މަހާޒާއި އަޒްމިރަލްދާ ވަކިކުރަން ޖޭއެސްސީން ނިންމީ އިޖުރާއަތުތައް ފުރިހަމަ ކޮށްގެން ކަމަށާއި އެ މައްސަލައާ ގުޅޭގޮތުން ޖޭއެސްސީން އެކުލަވާލާފައިވާ ރިޕޯޓު ރަނގަޅު ކަމަށެވެ.

މި މައްސަލައާ ގުޅޭގޮތުން މަޖިލިސް ތަޅުމުގައި މިއަދު ނެގި ވޯޓުން ފާސްވެފައިވަނީ އަޒްމިރަލްދާ އާއި މަހާޒް ވެސް ފަނޑިޔާރުކަމުން ވަކިކުރުމަށެވެ.

އެގޮތުން އަޒްމިރަލްދާ މަގާމުން ވަކިކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ މަޖިލިހަށް ހާޒިރުވެ ވަޑައިގެން ތިއްބެވި 68 މެންބަރުންނެވެ. އޭނާ މަގާމުން ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. މި ވޯޓުގައި ބައިވެރިވީ 79 މެންބަރުންނެވެ.

މަހާޒް މަގާމުން ވަކިކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ މަޖިލިހަށް ހާޒިރުވެ ވަޑައިގެން ތިއްބެވި 68 މެންބަރުންނެވެ. އޭނާ މަގާމުން ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. މި ވޯޓުގައި ބައިވެރިވީ 79 މެންބަރުންނެވެ.

މި ދެ ފަނޑިޔާރުން ވެސް މަގާމުން ވަކިކުރުމަށް ބޭނުންވަނީ 53 މެންބަރުންގެ ވޯޓެވެ.

ގުޅުންހުރި ލިޔުންތައް