- Advertisement -spot_img

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް އެހީވުމަށް 6 ހަފްތާގެ ޕްރޮގްރާމެއް!

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް އެހީވުމަށް 6 ހަފްތާގެ ޕްރޮގްރާމެއް ކުރިއަށްގެންދަން އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

ޢާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީން ބުނީ މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް އެ ވުޒާރާއިން ނިންމީ، ވުޒާރާއިން ކުރިއަށްގެންދާ ’ހާލު ކިހިނެއް‘ ޕްރޮގްރާމުގައި ފޭސް 2 ގެ ހިޔާ ޓަވަރ ބްލޮކްތަކަށް ކުރެވުނު ޒިޔާރަތްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނާ ބައްދަލުވެ ދެކެވުނު ވާހަކަތަކުގެ ސަބަބުންކަމަށެވެ.

މިއީ އާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީއާއި މަމްސް އެއިޑު ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ގްރޫޕެއްގައިވެސް 10 ބެލެނިވެރިން ހިމެނޭނެއެވެ.

އާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގެ ތެރެއިން ކުދިން ގެންގުޅޭ ގޮތުގެ ވާހަކަ އެކަކު އަނެކަކާ ހިއްސާކޮށްލުމުގެ އިތުރުން، ދިމާވާ ދަތިތައް އެކަކު އަނެކަކަށް ހިއްސާކުރުުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ. އަދި ކުދިން ބެލުމުގެ އުކުޅުތަކާއި، އެކަކު އަނެކަކަށް އެހީތެރިވެވޭނެ ގޮތްތަކާ ބެހޭގޮތުންވެސް މި ޕްރޮގްރާމުގައި މަޝްވަރާކުރާނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

މިގޮތަށް މަޝްވަރާކުރެވެން ފެށުމުން އެ ބެލެނިވެރިންނަށް އެކަނިވެރިކަން ފިލައި، އެހީތެރިކަން ލިބިގެންދާނެ ކަމަށްވެސް އާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް