ހުޅުމާލޭގައި އިމާރާތްކުރަން ފަށާފައިވާ ހޮޓެލް އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައި އެތަނުގެ ހިންގުން، ”ވޯރލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް“ އާ ހަވާލުކުރުމަށްހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
އެޗްޑީސީން ބުނިގޮތުގައި ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޮފީސް ބައެއް ހިމެނޭގޮތަށް ތަރައްގީކުރާ އެހޮޓެލްގެ މަސައްކަތް، އެތަން ހިންގުމަށް ހާއްސަކޮށް އުފައްދާފައިވާ ކުންފުންޏެއް ކަމުގައިވާ ވޯރލްޑް އޮފް ބިޒްނަސްއާ ހަވާލުކޮށް މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ، އެ މަސައްކަތާ ކުރިން ހަވާލުވެފައި އޮތް އެސްޓީއޯއާއެކު ސެޓަލްމަންޓް އެގްރީމަންޓަކަށް ދިއުމަށްފަހުއެވެ.
ހުޅުމާލޭގައި ތަރައްގީކުރެވޭ މި ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޭރިއާ (3.5 ފްލޯރ ސްޕޭސް) ގައި ސަރުކާރުގެ މުހިއްމު ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖް، ޔޫތް ސެންޓަރު (އީ- ސްޕޯރްޓްސް) އަދި ހެރިޓޭޖް ކޮލެޖްގެ އިތުރުން މެޑިކަލް ކޮލެޖް ތަރައްގީ ކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ މިތަންތަން ނިންމައި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތް ފަށާތާ 4 މަސް ދުވަހުގެ ތެރޭގައި ކަމަށެވެ.



