ބުރާސްފަތި, އޮކްޓޯބަރ 9, 2025
spot_img
- Advertisement -spot_img

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް 583 މިލިއަން ރުފިޔާގެ ފައިދާ

ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން (އެސްޓީއޯ) އަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 583 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެއެވެ.

މިކަން ހާމަވެފައިވަނީ އެސްޓީއޯ އިން އިއްޔެ އާންމުކުރި އެ ކުންފުނީގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ހިސާބުތަކުންނެވެ.

އެގޮތުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމުގެ ސަބަބުން މި އަހަރުގެ ފުރަތަމަ ކުއާޓަރގައި ކުންފުނީގެ އާމްދަނީއަށް އަސަރުކުރި ނަމަވެސް، އެސްޓީއޯ ހިންގުމުގެ ދާއިރާއާއި މާލީ ހާލަތު ރަނގަޅު މިންގަނޑެއްގައި ހިފެހެއްޓިފައިވާކަން ފާހަގަކޮށްފައިވެއެވެ.

ތެލުގެ ވޮލިއުމް އިތުރުވެ، ގެނެރަލް ޓްރޭޑިން، ކޮންސްޓްރަކްޝަން މެޓީރިއަލްސް އަދި ހެލްތްކެއަރ ސޮލިއުޝަންސްގެ ވިޔަފާރީގެ ދާއިރާތަކުން ލިބޭ އާމްދަނީ ދެމެހެއްޓުމާއި، ކުންފުނީގެ އޮޕަރޭޝަނަލް އަދި އިންވެސްޓްމަންޓްތަކަށް ބޭނުންވާނޭ ފައިސާ ހަމަޖެއްސުމަށް އެކަށީގެންވާ ފަންޑު ބެހެއްޓުމާއިއެކު އެކަށީގެންވާ މާލީ ނަތީޖާއެއް ހާސިލްކުރެވިފައިވާ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ޖުމްލަ އާމްދަނީގެ ގޮތުގައި އެސްޓީއޯއަށް 4.02 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ، 2024 ގެ ހަތަރުވަނަ ކުއާޓަރގައި ލިބުނު 3.84 ބިލިއަން ރުފިޔާއާއި އަޅާބަލާއިރު %4.6 ގެ ކުރިއެރުމެކެވެ. ކުރީ އަހަރާ އަޅާބަލާއިރު އާމްދަނީ ދަށްވެފައިވަނީ މައިގަނޑު ގޮތެއްގައި 2024 ވަނަ އަހަރުގެ ފުރަތަމަ ދެ ކުއާޓަރގައި މަތިވެފައިވާ ބައިނަލްއަޤްވާމީ ތެލުގެ އަގުތައް އާންމު ހާލަތަށް އައުމުގެ ސަބަބުންނެވެ.

ތެލުގެ ވިޔަފާރި ނޫން އެހެނިހެން ދާއިރާތަކުންވެސް ރަނގަޅު ކުރިއެރުންތަކެއް މިއަހަރުގެ މިހާތަނަށް ވަނީ ލިބިފައެވެ. ޚާއްޞަކޮށް އާންމު ވިޔަފާރިއާއި، އިމާރާތްކުރުމުގެ ދާއިރާ އަދި ސިއްޙީ ޚިދުމަތްތަކުގެ ހައްލުތަކުގެ ދާއިރާއިން ހަރުދަނާ ނަތީޖާތަކެއް ދައްކުވައިދީފައިވާކަން އެސްޓީއޯއިން ވަނީ ފާހަގަކޮށްފައެވެ.

ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުގެ ކުރިއެރުމާއި އާމްދަނީއަށް އައި ބަދަލުތަކާއެކުވެސް، ކުންފުނީގެ މުޅި އާމްދަނީގެ  ބޮޑުބައެއް ހިއްސާކުރަނީ ތެލުގެ ވިޔަފާރިންނެވެ. މިކަމުން އެ ކުންފުނީގެ މައިގަނޑު އާމްދަނީއަށް އެންމެ ބޮޑު ހިއްސާއެއް ކުރާ ވިޔަފާރި ދެމިއޮތްކަން ހާމަވެއެވެ.

އެސްޓީއޯގެ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ޖުމްލަ ފައިދާގެ ގޮތުގައި 583 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނު 617 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެއްކަން ވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ. މި ދަށްވުން އައިސްފައިވަނީ މައިގަނޑު ގޮތެއްގައި އެ ކުންފުނިން ތެޔޮ ވިއްކާ އަގު ދަށް ކުރުމުން ކަމަށާއި ނަމަވެސް މުހިންމު ދާއިރާތަކުގެ ވިޔަފާރީގެ މިންވަރު ދެމެހެއްޓިފައިވާކަން އެސްޓީއޯއިން ފާހަގަކޮށްފައިވެއެވެ.

އެގޮތުން އެ ކުންފުނި ހިންގުމުގެ ފައިދާގެ ގޮތުގައި 263 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނު 308 މިލިއަން ރުފިޔާ އަދި ކުރީ ކުއާޓަރގައި ލިބުނު 300 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ.

ހިންގުމުގެ ޚަރަދުތައް ރަނގަޅަށް ބެލެހެއްޓިފައިވީ ނަމަވެސް، ޖުމްލަ ފައިދާ ދަށްވުމާއި އެސްޓީއޯއަށްބއާމްދަނީ ލިބޭ ވަގުތުގެ ތަފާތުން ހިންގުމުގެ ނަތީޖާއަށް އަސަރުކޮށްފައިވެއެވެ. ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 169 މިލިއަން ރުފިޔާ އެކުންފުންޏަށް ލިބިފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނު 195 މިލިއަން ރުފިޔާއާ އަޅާބަލާއިރު %13.5 ދަށް އަދަދެކެވެ. މި ދަށްވުން އައިސްފައިވަނީ ޖުމްލަ ފައިދާ ދަށްވުމާއި ޕްރޮވިޜަންތައް އިތުރުވުމުގެ ސަބަބުން، ނަމަވެސް ވިޔަފާރީގެ ހުރިހާ ދާއިރާއަކުންވެސް ފައިދާ ލިބި، ލަފާކުރެވުނު މިންވަރުގައި ހިފެހެއްޓިފައިވާކަން ފާހަގަކޮށްލަމެވެ.

އެ ކުންފުނިން އަމާޒުކޮށްފައިވަނީ ތެލުގެ ވިޔަފާރިއާއި ހޯލްސޭލް މާކެޓް ފުޅާކުރުމާއި، އަދި މީގެ އިތުރުން އައު މުދާ ތަޢާރަފުކޮށްގެން އާމްދަނީ އިތުރުކުރުމަށެވެ. މުހިންމު އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް ކުރިއަށްދާއިރު އަދި ޑިޖިޓަލް ޕްލެޓްފޯމްތައް ހަރުދަނާވަމުންދާއިރު، ވަރުގަދަ އަސާސްތަކާއި ޒިންމާދާރު މާލީ މެނޭޖްމަންޓުގެ އެހީގައި، ކުރިއަށް އޮތް ދުވަސްތަކުގައި ކުންފުނިން ކުރިއެރުމުގެ ދުވެލި އަލުން ހޯދުމަށް ތައްޔާރުވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް