އަންގާރަ, ޖުލައި 29, 2025
spot_img
- Advertisement -spot_img

ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުމުގެ މުނާސަބާގައި ކުލަގަދަ ފެސްޓިވަލެއް ބާއްވަނީ

ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް، ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ. ”މައި ހުޅުމާލޭ ފެސްޓިވަލް“ ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލް ފެށުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 10 ވަނަ ދުވަހު ކަމަށް އެޗްޑީސީން މައުލޫމާތު ދީފައިވެ އެވެ.

އެޗްޑީސީން ބުނެފައިވާ ގޮތުގައި، މި ފެސްޓިވަލް ދެމިގެންދާނީ އެއް ހަފްތާގެ މުއްދަތަށެވެ. ފެސްޓިވަލްގެ ހަރަކާތްތައް ކުރިއަށްދާނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި، އެކި ދުވަސްތަކަށް ބަހާލައިގެންނެވެ. އަދި ހުރިހާ އުމުރުފުރާއެއްގެ ފަރާތްތަކަށް އަމާޒުކޮށްގެން ޚާއްސަ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

ފެސްޓިވަލްގައި ހިމެނޭ ބައެއް ހަރަކާތްތަކުގެ ތެރޭގައި ފޮޓޯގްރަފީ މުބާރާތެއް، ފެމިލީ ކާނިވަލެއް، ހުޅުމާލޭ ޑިސްކައުންޓް ވީކެއް، ހެލްތް ކޭމްޕެއް، ހުޅުމާލޭ ސްޓޯރީ ފޮޓޯ ވޯކެއް، މަސްރޭހެއް، ސައިކްލިން ޗެމްޕިއަންޝިޕެއް އަދި ބީޗް ފެސްޓެއް ހިމެނެ އެވެ.

ހުޅުމާލޭގައި މީހުން އާބާދުވާން ފެށީ 2004 ވަނަ އަހަރުގެ މޭ މަހުގެ 12 ވަނަ ދުވަހު އެވެ. ހުޅުމާލޭގެ ތަސައްވުރަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތަސައްވުރެކެވެ. މާލޭގެ އަވަށެއްގެ ގޮތުގައި އޮތް ހުޅުމާލެ މަޝްރޫއު ފަށައި، މީހުން އާބާދުވާން ފެށީ ވެސް އެ މަނިކުފާނުގެ ވެރިކަމުގައެވެ.

ގުޅުންހުރި ލިޔުންތައް