ޔޫއެފްއާ ޗެމްޕިއަންސް ލީގުގެ ކުއަޓާ ފައިނަލްގެ ދެވަނަ ލެގުގައި ބަޔަން މިއުނިކާ އެކު 2-2 އިން އެއްވަރުވެ އެގްރެގޭޓް ނަތީޖާއިން 4-3 އިން ކުރި ހޯދައި އިންޓަރ މިލާން ވަނީ ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.
އިންޓަރ މިލާނުގެ ސަންސީރޯގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހުނު ނަމަވެސް، ދެވަނަ ހާފު ފެށިގެން 7 މިނެޓުގައި ހެރީ ކޭން ވަނީ ބަޔަންގެ ފުރަތަމަ ލަނޑު ޖަހާފައެވެ. އެހެންނަމަވެސް 6 މިނެޓު ފަހުން ލައުޓާރޯ މާޓިނެޒް ވަނީ އިންޓަރ އަށް އެއްވަރު ކޮށްދީފައެވެ. އޭގެ ފަހުން ކުރީގެ ބަޔަން ކުޅުންތެރިޔާ ބެންޖަމިން ޕަވާޑް ވަނީ ކޯނަރ ކިކަކުން ލަނޑެއް ޖަހާފައެވެ. މެޗުގެ ފަހު ކުއާޓަރުގައި އެރިކް ޑަޔަރ ވަނީ ބަޔަންގެ ދެވަނަ ލަނޑު ޖަހާފައެވެ.
އިންޓަރ މިލާނުން މެޗުގެ ފަހު މިނެޓުތަކުގައި ބަޔަންގެ ވަރުގަދަ ހަމަލާތަކާ ކުރިމަތިލާންޖެހުނު ނަމަވެސް، އެޓީމު ވަނީ މޮޅު ޑިފެންސިވް ކުޅުމެއް ކުޅެ މެޗު ކާމިޔާބުކޮށް ސެމީ ފައިނަލްގައި ބާސެލޯނާ އާ ކުރިމަތިލުމުގެ ފުރުސަތު ހޯދާފައެވެ. މިއާއެކު ސީރީ އޭގެ އެއްވަނައިގައި އޮތް އިންޓަރ އަށް މި ސީޒަންގައި ތިން މުހިއްމު މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު އޮތީ ހުޅުވިފައެވެ.
ސެމީފައިނަލުގެ ފުރަތަމަ ލެގުގައި އިންޓަރ ނިކުންނާނީ ބާސާގެ ދަނޑުގައި މިމަހުގެ 29 ވަނަ ދުވަހުގައެވެ. އަދި ދެވަނަ ލެގު މެއި މަހުގެ 6 ވަނަ ދުވަހުގައި މިލާނުގައި ކުޅެވޭނެއެވެ.