ތުރުކިޔޭގެ އަންތާލިޔާގައި މިހާރު ކުރިއަށްދާ 4 ވަނަ އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެންފިއެވެ.
މި ފޯރަމްގައި ޖަޕާނުގެ ސަސަކާވާ ޕީސް ފައުންޑޭޝަން އާ ގުޅިގެން ”ޖިއޯސްޓްރެޓެޖިކް ޑައިނަމިކްސް އިން ދަ އޭޝިއާ ޕެސިފިކް“ ގެ ނަމުގައި ބޭއްވި މަތީ ފެންވަރުގެ ޕެނަލް ޑިސްކަޝަންގައި ޚާރިޖީ ވަޒީރު ޑރ.އަބްދުالله ޚަލީލް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވަނީ މި ސަރަޙައްދުގެ ޖިއޮޕޮލިޓިކަލް ލޭންޑްސްކޭޕްގެ ބަދަލުވަމުންދާ ގޮތުގެ މަޢުލޫމާތު ޙިއްޞާކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައްޗަށް ވާހަކަފުޅުދައްކަވާފައެވެ.
އަދި ދުނިޔެއަށް ކުރިމަތިވަމުންދާ ނުރައްކާތަކުން އަރައިގަތުމަށްޓަކައި މަޝްވަރާ އާއި ޑިޕްލޮމެސީގެ އުޞޫލުތައް އިސްކުރުމުގެ މުހިންމު ރޯލްގެ މައްޗަށް އަލިއަޅުއްވާލައްވައި، އަދި ދިމާވާ ނުތަނަވަސްކަންކަން ކުޑަކުރުމުގައި ސަރަޙައްދީ އަދި މަލްޓިލެޓަރަލް ޖަމްޢިއްޔާ ޖަމާޢަތްތަކުން އަދާކުރައްވަމުންގެންދަވާ މުހިންމު ދައުރުވެސް ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ގެ މި ދަތުރުފުޅުގައި މިނިސްޓަރ ވަނީ ތުރުކީގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް އާއި ބައްދަލުކުރައްވައެވެ. މި ބައްދަލުވުމުގައި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ހުރި ފުރުސަތުތައް ހޯދުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ފޯރަމް ކުރިއަށްދާނީ މިމަހުގެ 11 އިން 13 އަށެވެ. މި ފޯރަމްގައި ކުރިއަށްދާ މުހިންމު ބައްދަލުވުންތަކުގެ އިތުރުން، ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި، ޤައުމުތަކުގެ އިސް މަންދޫބުންނާވެސް ޚާރިޖީ ވަޒީރު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.