ޕެރިސް ސެއިންޓް-ޖަރމޭން (ޕީއެސްޖީ) ވަނީ ބަލިނުވެ، ވިދިވިދިގެން 4 ވަނަ ފަހަރަށް ލީގް 1 ގެ ޗެމްޕިއަންކަން ހޯދައިފައެވެ.
މިގޮތުން، ރޭގައި އެންޖާސްއާ ދެކޮޅަށް ކުޅުނު މެޗުން 1-0 އިން ކާމިޔާބުކުރުމާއެކު، ލުއިސް އެންރިކޭގެ ޓީމުން ވަނީ ފްރެންޗް ޓޮޕް-ފްލައިޓްގައި އެހެން ޓީމުތަކަށް ނުފޯރާ ހިސާބަށް ޕޮއިންޓް ހޯދައިފައެވެ.
ދެސިރޭ ދޫއޭގެ ލަނޑުން ކާމިޔާބުކުރި މި މެޗާއެކު، ޕީއެސްޖީގެ ޕޮއިންޓް ވަނީ 74 ޕޮއިންޓް ހޯދާފައެވެ. އަދި މިހާރު ބާކީ ހަ މެޗު އޮތްއިރު، ޕީއެސްޖީ ވަނީ 2 ވަނައިގައި އޮތް އޭއެސް މޮނާކޯއަށްވުރެ 24 ޕޮއިންޓް ކުރި ހޯދާފައެވެ. މޮނާކޯ އަށް އެ ޓީމުން ބާކީ އޮތް ހުރިހާ މެޗެއް ކާމިޔާބުކުރިޔަސް ހޯދޭނީ 71 ޕޮއިންޓެވެ.
މި ޗެމްޕިއަންކަމަކީ ޕީއެސްޖީގެ ތާރީޚުގައި ހޯދި 13 ވަނަ ޗެމްޕިއަންކަމެވެ. މިއީ ފްރާންސްގެ ރެކޯޑެކެވެ. އަދި 2012-13 ވަނަ އަހަރުން ފެށިގެން ހޯދި 11 ވަނަ ޗެމްޕިއަންކަމެވެ.
ޕީއެސްޖީގެ ކެޕްޓަން މާކީނިއޯސް، 2013 ގައި ޓީމާ ގުޅުނު ފަހުން، ތާރީޚުގައި 10 ލީގް ޗެމްޕިއަންކަން ހޯދި ހަމައެކަނި ކުޅުންތެރިޔާ ކަމުގައި ވަނީ ވެފައެވެ.

”މިއީ ވަރަށް ހައިރާންވާ ކަމެއް، އަހަރެން ވަރަށް އުފާވޭ. މަތީ ފަންތީގެ ޓީމެއްގައި މިހާ ދިގު މުއްދަތަކަށް ހުރުމަކީ ޙަޤީޤީ ގޮންޖެހުމެއް. މި ޓައިޓަލްތައް ތާރީޚުގައި ރެކޯޑުކުރެވިގެންދާނެ. އަހަރެމެންގެ އަމާޒަކީ ހުރިހާ އެއްޗެއް ކާމިޔާބުކުރުން،“ 30 އަހަރުގެ ބްރެޒިލް ކުޅުންތެރިޔާ ބެއިން ސްޕޯޓްސްއަށް ބުންޏެވެ.
”ފްރެންޗް ޗެމްޕިއަންޝިޕް ކާމިޔާބުނުވުމުން ވަރަށް ބޮޑަށް ރޮވޭ، އެކަން ދެފަހަރު އަހަރެންނަށް ދިމާވެފައިވޭ. ޓީމު ޙައްޤުވަނީ ކާމިޔާބުކުރުން.“
ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހުނު ނަމަވެސް، ޕީއެސްޖީ އިން ވަނީ މެޗު ކޮންޓްރޯލް ކޮށްފައެވެ. އަދި 11 ޝޮޓް ނަގާފައިވެއެވެ. މީގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅައެއްބައި ޝޮޓް ނަގާފައިވަނީ ގޮންސާލޯ ރާމޮސްއެވެ. ނަމަވެސް އެޓީމަށް ލަނޑެއް ނުޖެހުނެވެ.
ނަމަވެސް ދެވަނަ ހާފު ފެށިތާ 10 މިނެޓް ފަހުން، ޕީއެސްޖީ އިން ވަނީ ލީޑު ހޯދާފައެވެ. މިގޮތުން ޖެނުއަރީ މަހު ގެނައި ކުޅުންތެރިޔާ ކްވިޗާ ކްވަރަޓްސްކެލިއާ އިން ސިކްސް-ޔާޑް ބޮކްސްއަށް ކްރޮސްއެއް ދިނުމުން، 19 އަހަރުގެ ވިންގަރ ދޫއޭ އިން ފާ ޕޯސްޓުގައި ވޮލީއަކުން ގޯލު ޖެހިއެވެ. މިއީ މި ސީޒަންގައި އޭނާގެ 5 ވަނަ ލީގު ލަނޑެވެ.
އޭގެ ފަހުން ލުއިސް އެންރިކޭ ވަނީ ތިން ކުޅުންތެރިން ބަދަލުކޮށްފައެވެ. މީގެ ތެރޭގައި މި ސީޒަންގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ އުސްމާން ދެމްބެލޭ ހިމެނެއެވެ. އޭނާ ބޭނުންވީ އޭނާގެ 21 ލަނޑުގެ ރެކޯޑު އިތުރުކުރުމަށާއި، އަދި އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގު ކުއާޓަރ ފައިނަލްގެ ކުރިން ކުޅުމުގެ ވަގުތު ހޯދުމަށެވެ.
ޕީއެސްޖީ އަށް މި މެޗުގައި އިތުރު ލަނޑެއް ނުޖެހުނެވެ. އެއީ އެންޖަރސްގެ ދިފާއު ވަރުގަދަވުމުގެ ސަބަބުންނެވެ. ނަމަވެސް މިކަމުން ޕީއެސްޖީގެ ސަޕޯޓަރުންނަށް ”އަހަރެމެންނަކީ ޗެމްޕިއަނުންނޭ“ ކިޔުމަށް ހުރަހެއް ނާޅައެވެ. މިގޮތަށް ކިޔާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިންނެވެ.
ލުއިސް އެންރިކޭ 2023-24 ވަނަ އަހަރުގެ ސީޒަންގެ ފެށުމުގައި ޕީއެސްޖީގެ ޒިންމާ ހަވާލުވި ފަހުން، ލީގުގައި ގެއްލިފައިވަނީ ދެ މެޗު އެކަންޏެވެ. މި ސްޕެނިޝް ކޯޗު ސާބިތުކޮށްދީފައިވަނީ ކައިލިއަން އެމްބާޕޭ ފަދަ ބޮޑެތި ނަންނަމުގެ ކުޅުންތެރިން ނެތި ވެސް ޓީމަށް ކާމިޔާބު ހޯދިދާނެކަމެވެ. އެމްބާޕޭ ވަނީ މިދިޔަ އަހަރު ރިއަލް މެޑްރިޑަށް ބަދަލުވެފައެވެ.
މެޗަށްފަހު، ލުއިސް އެންރިކޭ ވަނީ ޓީމު އަލުން އެކުލަވާލުމަށް އޭނާއަށް އެހީތެރިވި ލުއިސް ކެމްޕޯސްއާއެކު ވަގުތުކޮޅެއް ހޭދަކުރި މަންޒަރު ފެނިފައެވެ. އޭގެ ފަހުން ކުޅުންތެރިންނާއި މުވައްޒަފުން ވަނީ ކޯޗާއިއެކު އުފާ ފާޅުކޮށްފައެވެ.