ރ. ދުވާފަރުގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުން ލަސްވެފައިވަނީ ރައްޔިތުން އެދުނު ބަދަލުތަކާ ގުޅިގެން ޑިޒައިން އަލުން މުރާޖަޢާކުރުމަށް ކަމަށާއި، މިހާރު ކަމާބެހޭ ވުޒާރާއާ މަޝްވަރާކޮށް މަސައްކަތް އަވަސްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ރަށު ކައުންސިލުން ހާމަކޮށްފިއެވެ.
ސުނާމީ ކާރިސާއަށްފަހު ކަނދޮޅުދޫ ރައްޔިތުން އާބާދުކުރި ދުވާފަރަކީ މިހާރު 5،000 އެއްހާ މީހުންގެ އާބާދީއެއް އޮތް، އިޤްތިޞާދީ ގޮތުން ފުޅާވަމުން އަންނަ ރަށެކެވެ. އެ ރަށުގައި މިހާރު ބޭނުންކުރަމުން އަންނަނީ މީހުން އާބާދުކުރިއިރު ހެދި 1،200 ފޫޓު ދިގު، 300 ފޫޓު ފުޅާ ބަނދަރެވެ. ނަމަވެސް އާބާދީ އިތުރުވެ، މަސްވެރިކަމާއި ވިޔަފާރި އުޅަނދުތަކުގެ އިތުރުން ޑިންގީތަކާއި އަމިއްލަ ދަތުރުފަތުރުގެ އުޅަނދުތައް ގިނަވުމުގެ ސަބަބުން، ޚާއްޞަކޮށް ހަފްތާ ބަންދުތަކުގައި ބަނދަރު ތޮއްޖެހުމުގެ ދަތިކަން ރައްޔިތުންނަށް އަންނަނީ ވަރަށް ބޮޑަށް ކުރިމަތިވަމުންނެވެ.
މި މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރީ 142.11 މިލިއަން ރުފިޔާއަށެވެ. މިދިޔަ އަހަރުގެ ޑިސެންބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދުވާފަރަށް ކުރެއްވި ދަތުރުފުޅުގައި އިފްތިތާޙުކުރެއްވި މި މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވަނީ 450 ދުވަހުގެ މުއްދަތެކެވެ.
މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމަށް 62،264 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ކޮނުމާއި، 285 މީޓަރުގެ އެއްގަމުތޮއްޓަކާއި، 343 މީޓަރުގެ ބޭރުތޮށި ލުމުގެ އިތުރުން 180 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި 25 މީޓަރުގެ ބްރިޖަކާއި، 154 މީޓަރުގެ ޖެޓީއެއް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މަޝްރޫޢު ލަސްވި ސަބަބާ ގުޅޭގޮތުން ދުވާފަރު ކައުންސިލްގެ ރައީސް އަޙްމަދު ޝާހު ވިދާޅުވީ، މަސައްކަތް ފެށުން ފަސްވީ ރައްޔިތުންގެ ޚިޔާލާއެކު ޑިޒައިނަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރުމުން ކަމަށެވެ.
”ދެ ކޮންސެޕްޓަކަށް އެކި ކަހަލަ ޚިޔާލުތައް ރައްޔިތުން ހުށަހަޅައި، އޭގެ މަޝްވަރާތަކެއް މި ގެންދެވުނީ. އެހެންވީމާ ގޮތެއް ނިންމައި، ވުޒާރާއަށް ހުށަހަޅައިގެން މި ކުރިއަށްގެންދަނީ. އުންމީދުކުރަނީ ދެން މާ ލަސްތަކެއް ނުވެ މަސައްކަތް ފެށޭނެ ކަމަށް،“ ޝާހު ވިދާޅުވިއެވެ.
ކައުންސިލުން މިހާރު އަންނަނީ ކަމާބެހޭ ވުޒާރާތަކާ ގުޅިގެން ޑިޒައިނަށް ގެންނަންޖެހޭ ބަދަލުތައް ނިންމައި، ޢަމަލީ މަސައްކަތް ވީއެންމެ އަވަހަކަށް ފެށުމަށް ތައްޔާރުވަމުންނެވެ.



