އަމިއްލަ މީޑިއާތަކަށް ސަރުކާރުން މާލީ އެހީތެރިކަން ދިނުމުގެ އުސޫލު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން އަލުން އެކުލަވާލައި އާންމުކޮށްފިއެވެ.
އާ އުސޫލުގައި ވެސް މީގެ ކުރިން އެކުލަވާލި އުސޫލާއި އެއްގޮތަށް އަސާސީ ކަމަކަށް، އެ މީޑިއާ އަކީ ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާއަކަށްވުމާއި ބްރޯޑްކާސްޓް މީޑިއާއެއް ނަމަ ލައިސަންސް އޮވެގެން ހިންގާ މީޑިއާއަކަށްވުން ހިމެނިފައިވެއެވެ.
އާ އުސޫލުގެ ދަށުން ފައިސާ ދޫކުރާނީ ހިންގާތާ އަހަރު ދުވަސްވެފައިވާ ނޫސްތަކަށެވެ.
މި އުސޫލުގައިވާ ގޮތުން މީޑިއާ ގްރާންޓަށް އެދޭ މީޑިއާތަކުން މުވައްޒަފުންނަށް މުސާރަ ޖަމާކުރާކަން އެނގޭނެ ބޭންކުގެ ސިޓީއެއް އަންނަ އަހަރުން ފެށިގެން ހުށަހަޅަން ޖެހޭނެ އެވެ. އަދި ކުރިން މީޑިއާ ގްރާންޓުން ފައިސާ ލިބިފައިވާ މީޑިއާއެއް ނަމަ އެ ފައިސާ ޚަރަދުކުރި ގޮތުގެ ތަފްސީލް މަލީ ބަޔާނެއްގެ ޒަރީއްޔާއިން ހުށަހަޅަން ޖެހެއެވެ.
އަލަށް އެކުލަވާލި އުސޫލުގައި މީޑިއާތަކަށް މާލީ އެހީ ދިނުމުގައި މާކްސް ދޭނެ މިންގަނޑެއް ވެސް ވަނީ ކަނޑައަޅައިފައެވެ. މި އުސޫލުގެ ދަށުން އެއް ފަރާތަކުން އެއް މީޑިއާއަށް ވުރެ ގިނަ މީޑީއާ ހިންގި ނަމަވެސް މާލީ އެހީ ލިބޭނީ އެ ފަރާތަކުން ޚިޔާރުކުރާ އެއް މީޑިއާއަކަށެވެ. އޭގެ ތެރޭގައި މައި ކުންފުނީގެ ހިއްސާ އޮންނަ ނުވަތަ ސަބްސިޑިއަރީ ކުންފުނިތައް ވެސް ހިމެނެއެވެ.
ކޮންމެ މިޑިއާއަކުން އެއް އެޕްލިކޭޝަން ހުށަހެޅޭ ގޮތަށް އޮތްއިރު، އެ ފަރާތްތަކަށް އިޚްތިޔާރު އުސޫލުގެ ދަށުން އިޚްތިޔާރު ކުރެވޭނީ ގިނަވެގެން ދެ މިޑިއަމް ނުވަތަ އެ މީޑިއާއެއް ބޭނުންކުރާ ދެ މަންސަކަން ބަޔާންކޮށްފައެވެ.
މާކްސް ދިނުމުގައި ބަލާނެ މިންގަނޑު:
* މީޑިއާގެ މުއްދަތު
* މުވައްޒަފުންގެ އަދަދު
* މުވައްޒަފުންގެ ތަޢުލީމާއި، ތަޖުރިބާ އާއި އިދާރީ އިންތިޒާމުތައް
* ބިޒްނަސް ޕްލޭން
* ކޮންޓެންޓާއި ބާވަތް
މީޑިއާތަކަށް ފައިދާ ދިނުމުގައި ބަލާނީ 50 މާކްސްއިން މަތިން ލިބޭ މީޑިއާތަކަށެވެ. އުސޫލުގެ ދަށުން މީޑިއާ ކޮމިޝަނުން ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ބްރޯޑްކާސްޓް މީޑިއާ އާއި އޮންލައިން މީޑިއާ ހިމެނޭހެން، އެ މީޑިއާއަކާ މެދު އެއްވެސް ފިޔަވަޅެއް އަޅައި، އެ އެޅި ފިޔަވަޅެއް އާންމުކޮށްފައިވާ ނަމަ، އެ މީޑިއާއަކުން ހުށަހެޅި އެޕްލިކޭޝަނުން ކޮންމެ ފިޔަވަޅަކަށް 3 މާކުހުގެ މަގުން އުނިކުރެވޭނެ އެވެ.
މާލީ އެހީއަށް އެދި ހުށަހަޅަން ޖެހޭނީ އެމްއެމްބީސީން ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ. އަދި ކޮމިޝަނުން މާކްސް ދޭ ގޮތް ޕޯޓަލް މެދުވެރިކޮށް އެ ފަރާތްތަކަށް ފެންނާނެއެވެ. މާކްސް ދެވުނު ގޮތާއި މެދު ހިތްހަމަ ނުޖެހޭނަމަ މާކްސް މުރާޖާ ކުރުމަށް ހުށަހެޅުމުގެ ފުރުސަތު ވެސް އުސޫލުގެ ދަށުން އޮންނާނެ އެވެ.
މީޑިއާތަކަށް ފައިސާ ދޫކުރާނީ އުސޫލުގެ ދަށުން ފައިސާ ދޫކުރަން ކަނޑައަޅާ މީޑިއާތަކަށެވެ. އަދި ފައިސާ މިންވަރު ކަނޑައަޅާނެ ފޯމިއުލާއެއް ވެސް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ފައިސާ ދޫކުރާނީ ކޮމިޝަނުން މީޑިއާތަށް ކަނޑައެޅުމުން، ހޯމްލޭންޑް މިނިސްޓްރީ އަށް ލިސްޓު ފޮނުވުމުން އެ ލިސްޓް މާލީ ފިނޭންސް މިނިސްޓްރީ އަށް ފޮނުވައިގެންނެވެ.
ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް މާލީ އެހީ ދޭން ބަޖެޓުން 0.1 ޕަސެންޓް ކަނޑައަޅާފައުވެއެވެ.
މި އެހީގެ އެންމެ ބޮޑު އެއް ބޭނުމަކީ އަމިއްލަ މީޑިއާތަކަކީ މާލީ ގޮތުން ފުދުންތެރި އަދި ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މީޑިއާއެއްގެ ގޮތުގައި ހިންގުމަށް އެހީތެރިވެ ދިނުމެވެ. އަދި އުފެއްދުންތެރި ކޮންޓެންޓް އުފައްދައި ނޫސްވެރިކަމުގެ ދާއިރާއަކީ ޒިންމާދާރު ކަމާއި އިތުބާރާއެކު ވަޒީފާގެ ފުރުޞަތުތަކަށް ހެދުމެވެ.
މީޑިއާތަކަށް މާލީ އެހީ ފުރަތަމަ ދިނީ މިދިޔަ އަހަރުއެވެ.



