- Advertisement -spot_img

އިނގިރޭސި ޕްރިމިއާ ލީގު: ހަލް ސިޓީ ބަލިކޮށް އާސެނަލަށް އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ހަލް ސިޓީ 1-0 އިން ބަލިކޮށް އެއްވަނައިގައި އާސެނަލުން ހަ ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ.

އާސެނަލުން އެއް ވަނައިގައި އޮތީ 10 މެޗުން 27 ޕޮއިންޓާ އެކު އެވެ. މެންޗެސްޓާ ސިޓީ އަށް ދެ ވަނަ ލިބެނީ 10 މެޗުން 21 ޕޮއިންޓާ އެކު އެވެ. ސިޓީ ރޭ ވަނީ ނޮޓިންހަމް ފޮރެސްޓް އަތުން 3-1 އިން ބަލިވެފަ އެވެ. ތިން ވަނައިގައި މި ވަގުތު އޮތް ބްރައިޓަން ހޯލްވް އެންޑް އަލްބިއަން އިން މާދަމާރޭ އަމިއްލަ ދަނޑުގައި ބްރެންޓްފޯޑް އަތުން މޮޅުވެގެން ދެ ވަނަ އަށް ޖެހިލައި، އާސެނަލްގެ ލީޑު ފަސް ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު އެބައޮތެވެ.

ހަލް އިން އާސެނަލް ދަނޑުގައި ރަނގަޅު ކުޅުމެއް ދެއްކި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 72 ވަނަ މިނިޓްގައި މި ލަނޑު ޖެހީ އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑްއެވެ.

އާސެނަލަށް ދެ ވަނަ ލަނޑެއް ޖަހައިދޭން މަޑުއޭކޭ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފޭގޮތެއްނުވިއެވެ.

ފޮރެސްޓުން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ހާފުގައި ސިޓީ ކައިރީގައި ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. މެޗުގެ ހަ ވަނަ މިނިޓްގައި ސިޓީގެ ޖޮސްކޯ ގްވާޑިއޯލް ހެދި ގޯހެއްގެ ފައިދާނަގައި، ފޮރެސްޓުގެ ފުރަތަަމަ ލަނޑު ޖެހީ ޖައިރް ކޫންޏާ އެވެ. އަދި މެޗުގެ 18 ވަނަ މިނިޓްގައި އަމިއްލަ ހާފުގެ ތެރެއިން ހިފައި އައި ބޯޅަ ސިޓީގެ އޭރިއާ ތެރެއަށް ވަދެ، ފޮރެސްޓްގެ ފޯވާޑް، ލިއަމް ޑެލަޕް ވަނީ ގޯލަށް ވައްދާލައިފައެވެ.

ސިޓީން ވަނީ ދެ ވަނަ ހާފުގެ ހަ ވަނަ މިނިޓްގައި ލަނޑެއް ޖަހައިފަ އެވެ. މިއީ، އޭރިއާ ރޮނގުމަތިން ލިބުނު ބޯޅައެއް ގޯލުގެ މަތީ ކަނަށް ވައްދާލައިގެން ރަޔާން ޗާކީ ޖެހި މޮޅު ގޯލެކެވެ. އެކަމަކު، ކައުންޓަ އެޓޭކުގައި ޑެލަޕް ވަނީ ފޮރެސްޓުގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، ފޮރެސްޓްގެ މޯގަން ގިބްސް-ވައިޓް ދިން ބޯޅައަކުން ޑެލަޕް ޖެހި ގޯލެކެވެ.

ގުޅުންހުރި ލިޔުންތައް