ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ބޭފުޅަކު ހޯދަން އިއުލާންކުރީ އެ ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރިޓަޔާވާން ހުށަހެޅުއްވުމުން ރިޓަޔާކޮށްދޭން ޖޭއެސްސީން ނިންމާފައިވާތީއެވެ.
އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާ ފަރާތަކީ ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް ބަޔާން ކޮށްފައިވެ އެވެ. މި މަގާމަށް ކުރިމަތިލާ މީހަކީ އުމުރުން 30 އަހަރު ވެފައިވާ މީހަކު ކަމުގައި ވާންޖެހޭނެކަމަށާއި އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 7 އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވާންވާނެ ކަމަށްވެސް ބަޔާން ކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް މުސާރައިގެ ގޮތުގައި މަހަކު 59،700ރ. އާއި ލިވިން އެލަވަންސްގެ ގޮތުގައި 25،000ރ. އަދި ރިސްކް އެލަވަންސަށް 3،300ރ. ލިބެއެވެ. އަދި ރައްޔިތުންގެ މަޖިލިސްއިން ކަނޑައަޅާފައިވާ ގޮތުގެ މަތިން އެހެން އިނާޔަތްތައް ވެސް ލިބެއެވެ.



