- Advertisement -spot_img

ހަތަރު ވަނަ ޑިވިޝަންގެ ޓީމެއް އަތުންބަލިވެ އާސެނަލް ކަރަބާއޯ ކަޕުން ކަޓައިފި

އިނގިރޭސި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެ، އާސެނަލް ކަރަބާއޯ ކަޕުގެ ހަތަރުވަނަ ބުރުން ކަޓައި މުބާރާތުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ބޮޑު ސިހުމަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ހައިބަރީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 އިން އެއްވަރުވެގެންނެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި ފްލީޓްވުޑް ކުރިހޯދީ 5-3 އިންނެވެ.

ހަތަރުވަނަ ޑިވިޝަނުގެ 18 ވަނައިގައި އޮތް ފްލީޓްވުޑުން މެޗުގެ 21 ވަނަ މިނެޓުގައި ލީޑު ނެގީ އާރޮން ލޫޕާލޯ-ބީ ކާމިޔާބުކުރި ލަނޑުންނެވެ. ދެވަނަ ހާފުގެ ކުރީކޮޅު ވިކްޓަރ ގިޔޮކެރޭސް އާސެނަލަށް ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، އިތުރު ލަނޑެއް ޖެހުމަށް އެ ޓީމުން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން އަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި އާސެނަލްގެ ބްރޫނޯ ގިމަރާއިސް ފޮނުވާލި ޕެނަލްޓީ ފްލީޓްވުޑްގެ ކީޕަރު ދިފާއުކުރިއިރު، މޮޅުވި ޕެނަލްޓީ ކާމިޔާބުކުރީ ކޯނޯ ހޯގީއެވެ.

މި މެޗަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނައި ނަމަވެސް، ފަހު ހާފުގައި މާޓިން އޮޑެގާޑާއި ބެން ވައިޓް ފަދަ ސީނިއާ ކުޅުންތެރިން ނެރުމުންވެސް ބަލިވުމުން ސަލާމަތެއް ނުވެވުނެވެ.

ގުޅުންހުރި ލިޔުންތައް