އިސްލާމްދީނުގެ ހަމަތަކާއި އުޞޫލުތަކާ ޚިލާފަށް ސަގާފީ ހަރަކާތްތައް ކުރިއަށްގެންދިއުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޒީރު އާދަމް ނަސީރު މިހެން ވިދާޅުވެފައިވަނީ، މި އަހަރުގެ ފިޠުރު ޢީދު ފާހަގަކުރުމަށް އެ ވުޒާރާއިން ކުރިއަށްގެންދިޔަ ހިއްޗަށް ވަޑައިގަތުމުގެ ހަރަކާތާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ފާޑުކިޔުމާ ގުޅިގެންނެވެ.
އެގޮތުން ބައެއް މީހުން ވަނީ، ހިއްޗަށް ވަޑައިގަތުމުގެ ހަރަކާތް ކުރިއަށްގެންދިޔައިރު، އިހުގައި ހަރަކާތް ކުރިއަށްގެންދިޔަ ގޮތާއި ތަފާތުކޮށް އެ ހަރަކާތް ކުރިއަށްގެންދިޔަކަމަށް ބުނެ ފާޑުކިޔައިފައެވެ.
މިކަމާ ގުޅޭގޮތުން ވަޒީރު އާދަމް ނަސީރު ވިދާޅުވީ ހިއްޗަށް ވަޑައިގަތުމުގެ ހަރަކާތް އިންތިޒާމުކޮށްފައިވަނީ އެ ވުޒާރާއިން އެކުލަވާލި ޚާއްސަ ކޮމިޓީއަކުން ކަމަށެވެ. އަދި އެ ކޮމިޓީގައި ހިއްޗަށް ވަޑައިގަތުމުގެ ރަސްމިއްޔާތު ދުށް މީހުންނާއި ރާއްޖޭގެ ތާރީޚުގެ ޢިލްމުވެރިން ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އާދަމް ނަސީރު އިތުރަށް ވިދާޅުވީ ހިއްޗަށް ވަޑައިގަތުމުގެ ހަރަކާތުގެ ތަމްސީލު ހުށައަޅާއިރު، ޒަމާނަށް ފެއްތުމުގެ ގޮތުން ބައެއް ބަދަލުތައް ގެނައުމަށް ކޮމިޓީން ނިންމެވި ކަމަށާއި އެ ހަރަކާތުގައި އިސްލާމް ދީނަށް ފުށުއަރާ ގޮތަށް އެ ޒަމާނުގައި ކުރި ބައެއް ކަންކަންވެސް ތަމްސީލުން އުނިކުރެއްވި ކަމަށެވެ.
”ކުރީގައި ލޮންސި ވެރިން ތިބޭނީ މަތި ހަށި ހުހާއި. ފަހުން ފޮތި ލިބާސް ލާފައި. ޒަމާނަށް ވިސްނާފައި އަޅުގަނޑުމެން އިޚުތިޔާރުކުރީ އެ މީހުން ތިބޭނީ ފޮތި ލިބާސް ލައިގެން ކަމަށް. އަދި މި ހަރަކާތުގެ ތެރެއިން ޒިޔާރަތަށް ދިއުމާއި ހިތިގެ ހެދުންފަދަ ދީނާ ޚިލާފު ކަންކަން އުނިކުރިން“ ވަޒީރު އާދަމް ނަސީރު ވިދާޅުވިއެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވީ އެ ހަރަކާތް ދީނީ ހަމަތަކާއި އެއްގޮތަށް ކުރިއަށްގެންދިއުމަށްޓަކައި އުނި ކުރި ކަންތައްތައް ފިޔަވައި، ހިއްޗަށް ވަޑައިގަތުމުގެ ހަރަކާތުން ފެނުނު ހުރިހާ ކަމެއްވެސް އަސްލާ އެއްގޮތްވާނެ ކަމަށެވެ.