އަބޫދާބީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ”މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ“ ގެ ނަމުގައި ހިންގާ މަޝްރޫޢުގެ ހުރިހާ މަސައްކަތެއް ދޭނީ ދިވެހި ކުންފުނިތަކަށް ކަމަށާއި ދިވެހިންނަށް އެތަނުގައި އިންވެސްޓް ވެސް ކުރެވޭނެ ކަމަށް އެ ކުންފުނީގެ ވެރިޔާ މުޙައްމަދު އަލްޢައްބާރު ވިދާޅުވެއްޖެއެވެ.
އަލްޢައްބާރު ވަނީ ރޭގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންފައެވެ. އަދި މިއަދު ވަނީ ޑުސިޓްތާނީ ރިސޯޓްގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި މީޑިއާތަކާ ބައްދަލުކުރައްވައިފައެވެ.
ރާއްޖޭގެ ވިޔަފާރިވެރިންނާ އެކު ބޭއްވެވި މެންދުރުގެ ފަރިއްކޮޅުގައި އޭނާ ވިދާޅުވީ، ދިވެހި މުޖުތަމައަށް ފައިދާ ނުކުރާ މަޝްރޫއެއް ހިންގަން އޭނާގެ ޝައުގުވެރިކަން ނެތް ކަމަށާއި ރާއްޖޭގައި ހިންގާ މަޝްރޫއަކުން ދިވެހިންނަށް ފައިދާ ނުކުރާ ނަމަ އެއީ ނާކާމިޔާބު މަޝްރޫއެއް ކަމަށެވެ.
އަލްޢައްބާރު ވިދާޅުވީ އީގަލްހިލްސް އިން އެހެން ޤައުމުތަކުގައި ހިންގި މަޝްރޫއުތަކުގައި އެ ޤައުމެއްގެ ރައްޔިތުންގެ ބައިވެރިވުން ވީހާ ވެސް ބޮޑުކުރަން ބައްލަވާ ކަމަށާއި ހުރިހާ ކޮންޓްރެކްޓަރުންނާއި ހުރިހާ ސަޕްލަޔަރުންނާއި ހުރިހާ އާކިޓެކްޓުންނަކީ ވެސް އެ ޤައުމުގެ މީހުން ކަމަށެވެ. އަދި އެގޮތަށް މަޝްރޫއުތައް ހިންގަނީ އެ ޤައުމެއްގެ މާހައުލާއި ތިމާވެށީގެ މައްސަލަތައް ފަދަ އެންމެހާ ކަންތައްތައް އެނގޭނީ އެ ޤައުމެއްގެ ރައްޔިތުންނަށް ކަމަށް ވާތީ ކަމަށް އަލްޢައްބާރު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އީގަލްހިލްސް އިން ޕްރޮޕަޓީތައް ހިންގާ ކޮންމެ ޤައުމެއްގައި ވެސް އެ ކުންފުނީގެ މުވައްޒަފުންގެ 100 ޕަސެންޓަކީ އެ ޤައުމެއްގެ ރައްޔިތުން ކަމަށެވެ.
އަލްޢައްބާރު ވިދާޅުވީ ރަސްމާލޭގައި ހިންގާ މަޝްރޫއުގައި ދިވެހިންގެ ބައިވެރިވުން އޮންނާނީ ވަޒީފާ އާއި ކޮންޓްރެކްޓްތަކާއި ސަޕްލައި ކުރުމާ ހިސާބުގައި އެކަނި ނޫން ކަމަށާއި ދިވެހި ވިޔަފާރިވެރިންނަށް އެ މަޝްރޫއުގައި އިންވެސްޓް ވެސް ކުރެވޭނެ ކަމަށެވެ. އެންމެންގެ ބައިވެރިވުން އޮތް މަޝްރޫއަކަށް އެ މަޝްރޫއު ހެދޭނީ އޭރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފުށިދިއްގަރު ފަޅު ހިއްކައިގެން މި ސަރުކާރުން ތަރައްޤީ ކުރަމުން އަންނަ ރަސްމާލޭގައި މެރީނާއެއް ތަރައްޤީކޮށް ހިންގަން އީގަލް ހިލްސްއާ އެކު ދިވެހި ސަރުކާރުން 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ގައި އަބޫދާބީގައެވެ.



