- Advertisement -spot_img

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ފާތިމަތު ސައުސަން ނިޔާވެއްޖެ

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ފާތިމަތު ސައުސަން މިއަދު ހެނދުނު ނިޔާވެއްޖެއެވެ.

ސައުސަން ނިޔާވެފައިވަނީ އިންޑިއާގައި ބޭސްފަރުވާއަކަށް ގޮސް ހުންނަވަނިކޮށް ކަމަށް ވަނީ އެނގިފައެވެ.

އޭނާ ނިޔާވުމާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، މެންބަރު ސައުސަން މިއަދު ހެނދުނު ނިޔާވުމުގެ ހިތާމައިގައި، އެ ޓްރައިބިއުނަލްގެ މެންބަރުންނާއި މުވައްޒަފުންގެ ނަމުގައި މަރްޙޫމާގެ އާއިލާއަށް ތައުޒިޔާ ފޮނުވާ ކަމަށެވެ.

ސައުސަންގެ ވަކިވެދިޔުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ނޭޝަނަލް ޓެރިޓަރީ އެންޑް ސޮވްރިނިޓީ ޢާއިޝަތު ޢާޒިމާ ޝަކޫރު ވެސް ވަނީ މީސްމީޑިއާގައި ޕޯސްޓެއް ކުރައްވާފައެވެ.

ޢާޒިމާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ސައުސަން ނިޔާވުމަކީ މޮޅު ގާނޫނީ ވަކީލެއް، ފަންނީ ގާބިލު ބޭފުޅެއް އަދި ގައުމަށް ހިދުމަތްކޮށްދެއްވި ބޭފުޅެއް ގެއްލިގެން ދިޔުން ކަމަށެވެ. އަދި ހުރިހާ ކަމަކަށް ވުރެ ބޮޑަށް އޭނާއަކީ ހެޔޮލަފާ ރަނގަޅު އިންސާނެއް ކަމަށާއި، އޭނާ ވަކިވެގެން އެ ދިޔައީ “މާ އަވަހަށް ކަމަށް“ ވެސް ޢާޒިމާ ވިދާޅުވެފަވެއެވެ. މީގެއިތުރުން ސައުސަންއަށް ސުވަރުގޭގެ ނިއުމަތް މިންވަރުކުރައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގެން އޭނާ ވަނީ ދުއާ ކުރައްވާފައެވެ.

އަލްއުސްތާޛާ ފާޠިމަތު ސައުސަން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމުގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ އެ ޓްރައިބިއުނަލުގެ އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނަށް ޚާއްޞަކޮށެވެ.

ގުޅުންހުރި ލިޔުންތައް