- Advertisement -spot_img

ކޯޓުތަކުގެ ގޮތް ނިންމުން އޭއައި އަށް ދޫނުކުރެވޭނެ: އުއްތަމަ ފަނޑިޔާރު

ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކެނޑިނޭޅި ކުރިއަރަމުން ދިޔަނަމަވެސް، ފަނޑިޔާރުން ކުރައްވާ މަސައްކަތްޕުޅުތަކާއި ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި ގޮތް ކަނޑައެޅުމުގެ މުޅި ދައުރު އޭއައި އަލްގޯރިދަމްތަކަށް ދޫކޮށްލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ އުޒްބެކިސްތާންގެ ސަމަރުގަންދުގައި ކުރިއަށްދިޔަ ”އެސޯސިއޭޝަން އޮފް އޭޝިއަން ކޮންސްޓިޓިއުޝަނަލް ކޯޓްސް އެންޑް އިކުއިވަލަންޓް އިންސްޓިޓިއުޝަންސް“ (އޭއޭސީސީ) ގެ 7 ވަނަ ކޮންގްރެސްގެ ދެވަނަ ދުވަހުގެ ޕްލެނަރީ ސެޝަންގައި ތަގުރީރު ކުރައްވަމުންނެވެ. އެމަނިކުފާނު ތަގުރީރު ކުރެއްވީ ”މައްސަލަތައް ލަސްނުވެ އަވަސް އިންސާފަށް، އަދުލު އިންސާފު ގާއިމު ކުރުމުގެ ފެންވަރު ރަނގަޅުކޮށް އިތުބާރު އުފެއްދުމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ދައުރު“ މި މައުޟޫއަށެވެ.

ތަގުރީރުގައި އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި ގޮތުގައި، ޖުޑީޝަރީތަކުން އަމާޒު ހިފަންޖެހޭނީ އޭއައި ފަދަ ޒަމާނީ ޓެކްނޮލޮޖީތަކަކީ އަދުލު އިންސާފުގެ ދާއިރާއަށް އެހީތެރިވެދޭ ވަސީލަތްތަކެއްގެ ގޮތުގައި ބޭނުންކުރުމަށެވެ. އެގޮތުން، ރާއްޖޭގެ ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތައް ނިންމުމަށް ކުރެވޭ ހާއްސަ މަސައްކަތްތަކާއި، މައްސަލަތައް ލަސްވާ މައިގަނޑު ސަބަބުތައް އޭއައިގެ އެހީގައި ދެނެގަނެ، ޝަރީއަތުގެ މަސައްކަތްތައް އަވަސްކުރެވިދާނެ ގޮތްތަކުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

މީގެއިތުރުން، ރާއްޖޭގެ ޖުޑީޝަރީގައިވެސް މި އުސޫލުން ބައެއް މަސައްކަތްތައް ކުރެވެމުންދާކަން ފާހަގަކުރައްވައި، ރާއްޖޭގައި ވަށާޖެހޭ ކޭސް މެނޭޖްމަންޓް ސިސްޓަމެއް ބޭނުންކުރުމާ ގުޅޭ ތަސައްވުރުވެސް ހިއްސާކުރެއްވިއެވެ.

އޭއޭސީސީގެ މެންބަރު 18 ގައުމެއްގެ އެންމެ މަތީ ކޯޓުތަކުގެ އިސްވެރިންނާއި ދުސްތޫރީ ކޯޓުތަކުގެ ފަނޑިޔާރުން ބައިވެރިވެވަޑައިގެންނެވި މި ކޮންގްރެސްގެ ހަވާސާގައި، އެހެން ގައުމުތަކުގެ ޖުޑީޝަރީތަކުގެ އިސްވެރިންނާއެކު ބޭއްވުނު މުހިންމު މަޝްވަރާތަކުގައި އުއްތަމަ ފަނޑިޔާރު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ދުސްތޫރީ ކޯޓުތަކުގައި އޭއައި ބޭނުންކުރުމާ މެދު ބައިވެރިން އެއްބަސްވި އުސޫލުތަކުގެ މައްޗަށް ބިނާކޮށް ”ސަމަރުގަންދު ޑިކްލަރޭޝަން“ ގެ ނަމުގައި ގަރާރެއް އެކުލަވާލައި، މި ކޮންގްރެސްގައި ވަނީ ފާސްކޮށްފައެވެ.

އޭޝިއާ ސަރަހައްދުގެ ދުސްތޫރީ ކޯޓުތަކާއި އެއާ އެއް ފެންވަރުގެ އިދާރާތަކުގެ އެންމެ ބޮޑު އިއްތިހާދު ކަމަށްވާ އޭއޭސީސީ އަކީ ދުސްތޫރީ އިންސާފާއި ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށްޓަކައި 2010 ވަނަ އަހަރު ގާއިމުކުރެވުނު ސަރަހައްދީ މުހިންމު ޖަމިއްޔާއެކެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަކީވެސް މި އިއްތިހާދުގެ ފުރިހަމަ މެންބަރެކެވެ.

ސަމަރުގަންދުގައި ބޭއްވުނު އޭއޭސީސީގެ 7 ވަނަ ބައިނަލްއަގުވާމީ ކޮންގްރެސްގައި އޭޝިއާ ސަރަހައްދުގެ 18 އެއްހާ ގައުމުގެ ދުސްތޫރީ ކޯޓުތަކާއި އިދާރާތަކުން ބައިވެރިވި އެވެ. މީގެއިތުރުން ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ މަންދޫބުންނާއި ގާނޫނީ މާހިރުން އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މިފަހަރުގެ ކޮންގްރެސްގެ މައިގަނޑު އަމާޒަކީ ޒަމާނީ ޓެކްނޮލޮޖީއާއި އޭއައިގެ ވަސީލަތްތައް އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމަށް ތައާރަފްވަމުންދާ ދަނޑިވަޅެއްގައި، ފަނޑިޔާރުގެތަކުގެ މިނިވަންކަމާއި އިންސާނީ ހައްގުތައް ރައްކާތެރިކުރެވޭނެ ގާނޫނީ އަދި އަހުލާގީ އުސޫލުތަކެއް ކަނޑައެޅުމެވެ. ހާއްސަކޮށް، މައްސަލަތައް ނިންމުމުގައި އޭއައި ބޭނުންކުރުމުގެ އިންތަކާއި، ގާނޫނުގެ ވެރިކަން ކަށަވަރުކުރުމުގައި އޭޝިއާގެ ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކާއި ތަޖުރިބާތައް ހިއްސާކޮށް، ސަރަހައްދީ އެއްބާރުލުން އިތުރުކުރުމަށް މި ކޮންގްރެސްއިން މަގުފަހިވެގެން ދިޔައެވެ.

ގުޅުންހުރި ލިޔުންތައް