- Advertisement -spot_img

ރަސްމާލެ ބިން އޮންނާނީ ދައުލަތުގެ މިލްކެއްގެ ގޮތުގައި، އޮޓޮމެޓިކުން ވާރުތައެއް ނުވާނެ: މުއްޠަލިބް

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއި ގުޅިގެން ރަސްމާލޭގައި ހިންގާ ”މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ“ މަޝްރޫޢުގެ ދަށުން ރަސްމާލޭން ޕްރޮޕަޓީއެއް ގަތް ކަމުގައި ވިޔަސް، އެ ޕްރޮޕަޓީ ހިމެނޭ ބިން އޮންނާނީ ދިވެހި ދައުލަތުގެ މިލްކެއްގެ ގޮތުގައި ކަމަށާއި، އެއީ އޮޓޮމެޓިކުން ވާރުތަވާނެ އެއްޗެއް ނޫން ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫޢުގެ އެއްބަސްވުމުގެ ދަށުން އެ ތަނުގެ ބިން ދިވެހިންގެ އަތުން ތާ އަބަދަށް ބީވެގެންދާނެ ކަމަށް ބުނެ އާންމުންގެ މީހަކު މީސްމީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ.

މިނިސްޓަރު މުއްޠަލިބް ވިދާޅުވީ ރަސްމާލޭން ޕްރޮޕަޓީ ގަންނަ ފަރާތެއްގެ މިލްކަކީ ހަމައެކަނި އެ ގަންނަ ޕްރޮޕަޓީއެއް ކަމަށެވެ. އަދި އެ ޕްރޮޕަޓީއެއް އެހެން ފަރާތަކަށް ވިއްކާލަން ބޭނުންވި ނަމަވެސް، ނުވަތަ އެ ފަރާތެއް މަރުވުމުން ވާރުތަވާން އޮތް ނަމަވެސް، އެކަން ކުރެވޭނީ ދިވެހި ސަރުކާރުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހުއްދަ ދީފިނަމަ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ސަރުކާރުން އެފަދަ ހުއްދައެއް ދޭނީ އެކަމަށް ކަނޑައެޅިފައިވާ ފީ ނެގުމަށްފަހު ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ރަސްމާލޭގެ ޕްރޮޕަޓީތައް އޮޓޮމެޓިކުން ވާރުތަވާނެ ކަމަށް ބުނެ ދެކެވޭ ވާހަކައަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށެވެ. މީގެ އިތުރުން، ރާއްޖޭގައި ހުރި ބޭރު ފަރާތްތަކުގެ ރިސޯޓުތަކާއި ވިޔަފާރިތަކަކީވެސް ވިއްކައި، ބަދަލުކޮށް، އަދި ވާރުތަވަމުންދާ މުދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމުން އެ މީހާއަށާއި އެ މީހެއްގެ ޢާއިލާއަށް އޮޓޮމެޓިކުން ވިސާ ލިބޭނެ ކަމަށް ދެކެވޭ ވާހަކަތައްވެސް މިނިސްޓަރު ވަނީ ދޮގުކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ ވިސާ ދިނުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެ އިދާރާއިން ކުރާ ކަމެއް ކަމަށާއި، ވިސާ ދޫކުރުމާއި ކެންސަލްކުރުމުގެ ފުރިހަމަ ބާރު އޮންނާނީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން އެ އިދާރާއަށް ކަމަށެވެ.

ދިވެހި ދައުލަތަކީ ފަޚުރުވެރި މިނިވަން ދައުލަތެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ދިވެހި ދައުލަތް ތަނަވަސްވެ ތަރައްޤީވަމުން ދިއުމަކީ ޤައުމުގެ އިސްތިޤުލާލު ވަރުގަދަވެ، އެހެން ޤައުމުތަކުގެ ނުފޫޒުން ސަލާމަތްވެ އޮތުމަށް މުހިންމު ކަމެއް ކަމަށެވެ. އަދި ދިވެހި ދައުލަތް މުއްސަނދިވުމަކީ ރާއްޖެއަށް ނުފޫޒު ފޯރުވަން ބޭނުންވާ ފަރާތްތަކުން އެދޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ޤައުމުގެ ތަރައްޤީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު މުއްޠަލިބް އިތުރަށް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ ކުރު މުއްދަތުގެ މަންފާތަކެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ރާއްޖެއަށް ބޭނުންވަނީ ކުރިއަށް އޮތް ޖީލުތަކަށް ދެމިގެންދާނެ ތަރައްޤީގެ މިފަދަ ބޮޑެތި މަޝްރޫޢުތައް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް