- Advertisement -spot_img

ޞައްޙަ ޢަޤީދާއަކީ މުސްލިމެއްގެ ދުނިޔެއާއި އާޚިރަތުގެ ބިންގާ: ޚުތުބާ

މާތް ﷲ އަޅަކަށް ދެއްވާނޭ އެންމެ ބޮޑު ނިޢުމަތަކީ ޞައްޙަ ޢަޤީދާގެ ނިޢުމަތް ކަމަށާއި، އެއީ މުސްލިމެއްގެ ހުރިހައި އަޅުކަމަކާއި، ހެޔޮ ޢަމަލާއި، ދުނިޔެއާއި އާޚިރަތުގެ އެންމެހައި ހެޔޮކަމެއްގެ ބިންގާ ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

”އިސްލާމީ ޢަޤީދާގެ މުހިންމުކަން“ މި މައުޟޫޢަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ވަނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެ ތިބުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

ޚުތުބާގައި ފާހަގަކުރެއްވި ގޮތުގައި ޒަމާން ތަރައްޤީވެ މާއްދީ ފަސޭހަތައް އިތުރުވެފައިވީ ނަމަވެސް، މީސްތަކުންގެ މެދުގައި ނުތަނަވަސްކަމާއި ހިތާމަ އަދި އެކަނިވެރިކަމުގެ ބިރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

އަދި ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން އަދި ނަޖާވުން ލިބެން އޮތީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެ ތިބެގެން ކަމަށް ބަޔާންކުރެއްވިއެވެ. މާތް ﷲ އެކަލާނގެ ރަސޫލުން ފޮނުއްވުމުގެ އެންމެ ފުރަތަމަ މަސްއޫލިއްޔަތަކީ ވެސް އެއްކައުވަންތަކަމަށް ގޮވައިލެއްވުން ކަމަށާއި، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމުގެ އަސާސަކީ ޞައްޙަ ޢަޤީދާ ކަމުގައި ޚުތުބާގައި ވިދާޅުވިއެވެ.

މީގެއިތުރުން، ދުނިޔެމަތީގައި އެންމެ ބޮޑެތި އިމްތިޙާނުތަކާއި މުޞީބާތްތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ ރަސޫލުންނާއި ނަބިއްޔުންނަށް ކަމަށާއި، ކީރިތި ރަސޫލާ ﷺ ވެސް އަނިޔާވެރިކަމާއި ފުރައްސާރައާއި ބަނޑުހައިހޫނުކަން ތަޙައްމަލުކުރައްވައި ކެތްތެރިކަމާއެކު މާތް ﷲގެ މިންވަރުފުޅަށް ރުހިވަޑައިގެން ހުންނެވިކަން ޚުތުބާގައި ހަނދާންކޮށްދެއްވިއެވެ. އަދި ބޭރުފުށް ރީތިކުރުމުގެ ބަދަލުގައި އެތެރެފުށް އިޞްލާޙުކުރުމަށް އިސްކަންދޭން ޖެހޭ ކަމަށާއި، މާތް ﷲއާ ދެމެދު އޮންނަ ގުޅުން އިޞްލާޙުކޮށް އާޚިރަތުގެ ކަންތައްތަކަށް އިސްކަންދިނުމުން ދުނިޔޭގެ ކަންކަން ވެސް ފުދިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ފޯނުގެ ބެޓެރި ހުސްވާން ކައިރިވުމުން ޗާޖުކުރުމަށް އަވަސްވެގަންނަ ފަދައިން، ޞައްޙަ ޢަޤީދާގެ ނިޢުމަތް ބީވެގެން ހިނގައިދާނެކަމާ މެދު ވިސްނައިލަން ޖެހޭ ކަމަށް ޚުތުބާގައި ފާހަގަކުރެއްވިއެވެ. ޢުމަރުގެފާނުގެ ބަސްފުޅަކާ ހަވާލާދެއްވަމުން، އިސްލާމްދީނުގެ އުޞޫލުތައް ބޮޅަކަށްފަހު ބޮޅެއް ނެއްޓިގެންދާނީ ޖާހިލިއްޔަތުގެ ޙަޤީޤަތް ނޭނގޭ ޖީލެއް އުފެދުމުން ކަމަށާއި، ޞައްޙަ ޢަޤީދާއަކީ އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދޭންޖެހޭ މަތިވެރި އަމާނާތެއް ކަމަށް ވިދާޅުވިއެވެ.

ޚުތުބާ ނިންމަވާލައްވަމުން ވަނީ، އިސްލާމީ ޢަޤީދާއަކީ މައިންބަފައިންގެ ފަރާތުން ވާރުތަވަމުން އަންނަ އާދަކާދައެއްގެ ގޮތުގައި ނުދެކި، މި މަތިވެރި ނިޢުމަތާ މެދު އިހުމާލުނުވުމަށް ގޮވާލައްވާފައެވެ. އަދި ދީނާ ދުރު ފިކުރުތަކުން ރައްކާތެރިވުމަށް ޓަކައި ޞައްޙަ ޢަޤީދާ ރަނގަޅަށް ދަސްކޮށް، ސާފުސީދާ ހިތަކާއި ހަރުދަނާ އީމާންކަމަކާއެކު އާޚިރަތުގެ ކާމިޔާބީ ހޯދުމަށް މަސައްކަތްކުރުމަށް ހުރިހާ މުސްލިމުންނަށް ވަނީ ނަސޭހަތްތެރިވެފައެވެ.

ގުޅުންހުރި ލިޔުންތައް