- Advertisement -spot_img

މާލޭ ސަރަހައްދުގެ ހޮސްޕިޓުތަކަށް ދެއަހަރު ތެރޭގައި 189 އެނދުން 316 އެނދު އިތުރުކޮށްފި

މާލޭ ސަރަހައްދުގައި ސަރުކާރުން ހިންގާ ހޮސްޕިޓާތަކަށް ތިރީސް އަހަރުން އެނދު އިތުރުނުކުރެވޭ މިންވަރަށް ފާއިތުވި ދެ އަހަރާއި ދިހަ ވަރަކަށް މަސްދުވަހުގެ ތެރޭ އެނދު އިތުރުކުރެވިފައިވާކަން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލަސްގެ ޗީފް އެގްޒެކެޓިވް އޮފިސާ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ހާމަކުރައްވައިފިއެވެ.

އެމްއެމްޓީވީގެ “ބޮޑު ޚަބަރު” ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ހަލީމް ވިދާޅުވީ މާލޭ ސަރަަހައްދުގެ އާބާދީ އިތުރުވަމުންދާ މިންވަރާއި، އަލަށް ހަސްފަތާލުތަކުގައި ތައާރަފުކުރާ ހިދުމަތްތަކާ އެކަށޭނެ މިންވަރަށް އެނދު ނެތުމުން ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ. ނިމުނު ދެ އަހަރާއި ދިހަ ވަރަކަށް މަސްދުވަހުގެ ތެރޭ އެނދު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވި، އެނދު އިތުރުކުރެވުނު ނަމަވެސް އަދިވެސް ބޭނުންވާ މިންވަރަށްވުރެ އެނދު މަދުކަން އޭނާ ފާހަގަކުރެއްވިއެވެ.

1995 ވަނަ އަހަރު އައިޖީއެމްއެޗް ހުޅުވި ހިދުމަތް ދޭން ފެށިއިރު މާލޭ ސަރަހައްދުގެ އާބާދީއަކީ 62،000 އެއްހައި މީހުންކަން ފާހަގަކުރައްވަމުން ހަލީމު ވިދާޅުވީ އެއިރު މާލޭ ސަރަހައްދުގައި ސަރުކާރު ހޮސްޕިޓާތަކުގައި ހުރީ 189 އެނދު ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު މާލޭ ސަރަހައްދުގައި ހިންގާ ސަރުކާރު ހޮސްޕިޓަލުތަކުގެ އެނދުގެ އަދަދަކީ 316 އެނދު ކަމަށް ވިދާޅުވިއެވެ. ސީއީއޯ ވިދާޅުވި ގޮތުން އެ ދިގު މުއްދަތުގައި އިތުރުކުރެވުނީ 127 އެނދު ކަމަށެވެ.

އެނދުގެ އަދަދު އިތުރުކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވައިލައްވަމުން ހަލީމު ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލުގައި އިތުރު 28 އެނދުގެ ވޯޑެއް ގާއިމުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އެއީ މެޑިކަލް ވޯޑަކާއި ކުޑަކުދިންނަށް ހާއްސަ ވޯޑެކެވެ.

އޭގެ އިތުރަށް އައިޖީއެމްއެޗްގައި ހުންނަ ޖެނެރަލް ވޯޑު އަޕްގްރޭޑުކުރުމުގެ މަސައްކަތްވެސް މިހާރު ހިނގަމުންދާކަމަށް ސީއީއޯ ވިދާޅުވިއެވެ.

ސީއީއޯ ވިދާޅުވި ގޮތުގައި އެނދުތައް އިތުރުކުރެވުމުމަކީ އިތުރު ހިދުމަތްތައް ތައާރަފުކޮށް މިހާރުވެސް ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކުރުމާއެކު ރައްޔިތުންނަށް ހިދުމަތް ހޯދުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް މަގުފަހިކޮށްދޭ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް