މ. އެކޯ ޢަބްދުﷲ ޝަރީފް އަވަހާރަވުމުގެ ފުން ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ މަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް މަޤާމުތަކެއް ފުރުއްވައި، ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޚިދުމަތްތެރިޔާއަށް، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކުރައްވައި ޢާންމުކުރެއްވި ބަޔާނެއްގައި، އެމަނިކުފާނު ވަނީ ޝަރީފްގެ ވަކިވެދިއުމަކީ ލިބިވަޑައިގަތް ވަރަށް ބޮޑު ހިތާމައެއްކަން ފާހަގަކުރައްވާފައެވެ. އަދި މަރްޙޫމަކީ މަސައްކަތުގެ މައިދާނުގައި ނަމޫނާ ދައްކަވައި، އިންތިހާއަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު މަސްއޫލިއްޔަތު އަދާކުރެއްވި ހިންގުންތެރިއެއްކަމަށް ރައީސް ސިފަކުރެއްވިއެވެ.
ސަރުކާރުގެ އެކި ދާއިރާތަކުގައި ޖުމްލަ 41 އަހަރު ޚިދުމަތްކުރައްވާފައިވާ ޝަރީފަކީ އޭގެ ތެރެއިން ބޮޑު ބައެއް ރައީސް އޮފީހަށް ހޭދަކުރެއްވި ބޭފުޅެކެވެ. އެގޮތުން އެ އޮފީހުގައި އެކަނިވެސް 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި އޭނާ ވަނީ މަސައްކަތްކުރައްވާފައެވެ. ޤައުމަށް އޭނާ ކޮށްދެއްވި އިޚްލާޞްތެރި މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރައްވައި، ފާއިތުވި 2023ވަނަ އަހަރު ދިވެހި ދައުލަތުން ވަނީ ޝަރީފަށް ދައުލަތަށް ޚިދުމަތްކުރުމުގެ ޝަރަފުވެރި އިނާމު ވެސް އަރުވާފައެވެ.
މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވައި، މާޔޫސްވެފައިވާ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ވަނީ މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައެވެ.



