- Advertisement -spot_img

އެފްއޭއެމްގެ ރީޖަނަލް އޮފީސްތައް ހަދާނެ ރަށްތައް ކަނޑައަޅައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރީޖަނަލް އެސޯސިއޭޝަންތައް ހަދަން ނިންމާފައިވާ ސިޔާސަތުގެ ދަށުން ރީޖަނަލް އޮފީސްތައް ގާއިމުކުރާނެ ހަތަރު ސަރަހައްދެއްގެ ރަށްތައް ކަނޑައަޅައިފިއެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެފްއޭއެމްގެ 16 ވަނަ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ރީޖަނަލް ފުޓްބޯލް އެސޯސިއޭޝަންގެ އޮފީސްތައް ގާއިމްކުރާ ރަށްތައް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ނޯތު ރީޖަން ފުޓްބޯލް އެސޯސިއޭޝަންގެ އޮފީސް ހއ. ދިއްދޫގައި، ސެންޓްރަލް ރީޖަން ފުޓްބޯލް އެސޯސިއޭޝަން އޮފީސް އދ. މަހިބަދޫގައި، މާލެ ރީޖަން ފުޓްބޯލް އެސޯސިއޭޝަން އޮފީސް މާލޭގައި އަދި ސައުތު ރީޖަން ފުޓްބޯލް އެސޯސިއޭޝަން އޮފީސް ލ. ގަމުގައި ގާއިމްކުރަން ނިންމާފައިވާ ކަމަށް ބަޔާނުގައިވެއެވެ.

މީގެ އިތުރުން ބ. އޭދަފުށީގައި އެފްއޭއެމްގެ ޑިވެލޮޕްމަންޓް އޮފީހެއް އަޅަން ވެސް ނިންމާފައިވެއެވެ.

ރާއްޖޭގެ ކުޅިވަރު ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނައި ބިލް، ރައީސް ޑރ. މުހައްމަދު މުއިއްޒު މެއި މަހު 19 ވަނަ ދުވަހު ތަސްދީގު ކުރައްވާފައިވާ އިރު، އެ ގާނޫނުގައި އެސޯސިއޭޝަންތަކުގެ ދައުރު އަތޮޅު ތެރެއަަށް ފުޅާކޮށް، އަތޮޅު ތެރޭގެ ރީޖަނަލް އިދާރާތައް ގާއިމުކުރަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.

މިއާ އެކު ކުޅިވަރު އެސޯސިއޭޝަންތައް ފެޑަރޭޝަންތަކަށް ބަދަލުކުރުމަށް ފުރުސަތު ލިބޭނެއެވެ.

އެ ގާނޫނަށް މަގުފަހިވާނެހެން ކަންކަން ކުރުމަށް އެފްއޭއެމުން މިހާރު ވަނީ މުބާރާތްތަކުގެ ފޯމެޓް ވެސް ރީޖަނަލް ފޯމެޓަށް ބަދަލުކޮށްފަ އެވެ. އެގޮތުން ރާއްޖެ ހަތަރު ރީޖަނަކަށް ވަނީ ބަހާލައިފަ އެވެ. އެގޮތުން ނޯތު ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގައި ހއ. ހދ. ށ، ނ، ރ، ބ، ޅ އަތޮޅު އަދި ކުޅުދުއްފުށި ސިޓީ ހިމެނޭ އިރު، ސެންޓްރަލް ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގައި ކ، އއ، އދ، ވ، މ، ފ، ދ އަތޮޅު ރަށްތައް ހިމެނޭނެއެވެ.

ސައުތު ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގައި ތ، ލ، ގއ، ގދ، ތިނަދޫ ސިޓީ، ފުވައްމުލަށް ، އައްޑޫގެ ކްލަބުތައް ހިމެނޭ އިރު، މާލެ ރީޖަން ފުޓްބޯޅަ އެސޯސިއޭޝަންހައި ހިމެނޭނީ މާލެ، ވިލިމާލެ، ހުޅުމާލޭގެ ކްލަބުތަކެވެ.

ގުޅުންހުރި ލިޔުންތައް