ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކެމްބޯޑިއާގެ ސެނެޓުގެ ރައީސާ ބައްދަލުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކުރި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުއްﷲ ވަނީ ކެމްބޯޑިއާގެ ސެނެޓުގެ ރައީސް، އޮނަރަބަލް ސަމްދެޗް އައްކާ މޮހާ ސޭނާ ޕަޑެއި ޓެޗޯ ހުން ސެންގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުން އޮތީ ”2 ވަނަ އިންޓަރ-ޕާލަމެންޓަރީ ސްޕީކާސް ކޮންފަރެންސް“ ގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ރައީސް ކެމްބޯޑިއާގެ ވެރިރަށް ޕްނޮމް ޕެން އަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި، ދެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ މެދުގައި އޮތް ގުޅުން އައު ހަރުފަތަކަކަށް ގެންދިއުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން ދެ ގައުމުން ވެސް ޝައުގުވެރިވާ މުހިންމު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ދެބޭފުޅުން އެއްބަސްވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުއްﷲ ވަނީ ކެމްބޯޑިއާގެ ސެނެޓުގެ ރައީސް ހުން ސެން އަދި އެ ޤައުމުގެ ސެނެޓުން އެމަނިކުފާނަށާއި ދިވެހި ވަފްދަށް ވިދާޅުވި ހޫނު މަރުޙަބާއާއި ބެހެއްޓެވި މެހްމާންދާރީއަށްޓަކައި ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.



