ރާއްޖޭގެ އެކި ރަށްރަށުގެ ރުއްތަކަށް ގެއްލުންދެމުންދާ ރުކުމަޑިއާއި ހުދުކޫޑި ނައްތާލުމަށް ބޭނުންވާ ޕެސްޓިސައިޑް، މިހާތަނަށް ތިރީސް އަށް ރަށަކަށް ފޯރުކޮށްދީފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
އެ ވުޒާރާއިން ބުނިގޮތުގައި މި މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމުގެ ގޮތުން ޕެސްޓިސައިޑް ބޭނުންވާ ރަށްރަށުން އެކަން އެންގުމަށް ކައުންސިލްތަކަށް ފުރުސަތު ހުޅުވާލުމުން، މިހާތަނަށް ފަސްދޮޅަސް ދެ ރަށަކުން ވަނީ އެހީތެރިކަމަށް އެދިފައެވެ. އަދި އޭގެ ތެރެއިން ތިރީސް އަށް ރަށަކުން މިހާރު ވަނީ ޕެސްޓިސައިޑް ގެންގޮސްފައެވެ.
މި ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް އިންތިޒާމުކުރެވިފައިވަނީ އުތުރުގެ ތިން އަތޮޅު ކަމަށްވާ ހާ އަލިފު، ހާ ދާލު، އަދި ށަވިޔަނި އަތޮޅުގެ ރަށްތަކަށް ބޭނުންވާ ޕެސްޓިސައިޑް ހާ ދާލު ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުން ދޫކުރާ ގޮތަށެވެ. އެހެނިހެން އަތޮޅުތަކުގެ ރަށްރަށަށް މި ތަކެތި ފޯރުކޮށްދެނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ މައި އޮފީހުންނެވެ.
ރާއްޖެއިން ކޮކޮނަޓް ހިސްޕިޑް ބީޓްލް ނުވަތަ ރުކުމަޑި އެންމެ ފުރަތަމަ ފެނިފައިވަނީ 1999 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަރިއަތޮޅު ދެކުނުބުރީގައި އޮންނަ ސަން އައިލެންޑް ރިސޯޓުންނެވެ. އެ މައްސަލަ 2000 ވަނަ އަހަރުގެ ކުރީކޮޅު ސަރުކާރުގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެކަމާ ދެކޮޅަށް ބޭރުގެ ޖަމާއަތްތަކާއެކު ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، މި ޕެސްޓާއި ހުދުކޫޑީގެ ސަބަބުން ރުއްތަކަށް ލިބޭ ގެއްލުންތައް ކޮންޓްރޯލްކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ކުރެވުނު ދިރާސާތަކުން ވަނީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ރުކުމަޑި ނައްތާލުމަށް ގުދުރަތީ ގޮތުން އެއަށް ހަމަލާދޭ ސޫތްޕެއް ހޯދާފައެވެ. މި ސޫފި އާލާކޮށް ގިނަކުރުމަށްޓަކައި ހަނިމާދޫގައި ގާއިމުކުރި “ޕާމް ޕެސްޓް ބަޔޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިންގ ސެންޓަރު” ގެ މަސައްކަތް މިހާރު ވަނީ ރަސްމީކޮށް ފަށައިފައެވެ.
އެ ސެންޓަރަކީ ދުވާލަކު އެއްލައްކަ ޕެރަސައިޓޮއިޑް އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ތަނެކެވެ. މީގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ރުއްތަކަށް ޖެހޭ ބަލިތައް ދެނެގަނެ، އެފަދަ ސޫފިތައް އާލާކޮށް ބަލިޖެހިފައިވާ ރަށްރަށަށް ދޫކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި މި މައްސަލައަށް ހައްލު ހޯދުމެވެ.



